ރ. އުނގޫފާރުން ކަރަށް ޕިނެއް ހެރިގެން ޒުވާން އަންހެންކުއްޖަކު މާލެއަށް ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ހަސަން ފަޒީލް ސަން އަށް ވިދާޅުވީ، ކަރަށް ޕިނެއް ހެރިގެން މިދިޔަ އަންގާރަ ދުވަހު އެ ހޮސްޕިޓަލަށް 20 އަހަރުގެ އަންހެން ކުއްޖަކު ގެސްގޮސްފައިވާ ކަމަށެވެ.

ފަޒީލް ވިދާޅުވީ ކަރަށް ޕިން ހެރުނުގޮތެއް ނޭނގޭ ކަމަށާއި ޕިން ހެރިފައި ވަނީ ކަރުގެ ބޭރުން "ފުދޭވަރަކަށް ފުނަށް" ކަމަށެވެ.

"ކަރަށް ޕިނެއް ހެރިގެން ގެނައީ. ދެން ފުދޭވަރަކަށް އެތެރެއަށް ހެރިފަ އިނީމަ މިކޮޅުން ރަނގަޅު ސްކޭނެއް އެއްޗެއް ނުކޮށް އިތުރު ސްޓެޕަކަށް ނުދާން ވިސްނީ. އެހެންވެ މާލެއަށް ފޮނުވާލީ،" ފަޒީލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ، ކަރަށް ޕިނެއް ހެރިގެން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކުއްޖާ މިއަދު ހަވީރު އޮޕަރޭޝަންކުރަން ނިންމާފައިވާ ކަމަށެވެ.

"ހާލު ސީރިއަސްއެއް ނޫން. މިއަދު ހަވީރު އޮޕަރޭޝަން ކުރާގޮތަށް ހަމަޖެހިފައި އޮތީ،" ޒީނަތު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ކަރަށް ޕިން ހެރެން މެދުވެރިވީ ކަރުން ނަގާފައިވާ "ފޮޅެއް" ޒާތުގެ އެއްޗެއް ފަޅާލުމަށް ޕިނެއް ބޭނުންކުރުމުގެ ތެރޭގަ އެވެ.