ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 24 ޕަސެންޓް ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މާޗްމަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 562 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 742 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 24.2 ޕަސެންޓް ދަށް އަދަދެކެވެ.

އެ އޮތޯރިޓީން ބުނީ މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އަންދާޒާ ކުރި އަދަދަށް ވުރެ 1.9 ޕަސެންޓް ދަށްވުން ކަމަށެވެ.

މީރާގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 1.10 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 13.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދީގެން ނަގާ ޓެކްސް (ޓޫރިޒަމް ލޭންޑް ރެންޓް) ގެ ގޮތުގައި 277.5 މިލިއަން ރުފިޔާ ލިބުނު އިރު، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 64.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 66 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 52.2 މިލިއަން ޑޮލަރެވެ.