04 May 2011, 17:04
ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ކުރާ މުޒާހަރާތައް ފުލުހުންނަށް ނުހުއްޓުވޭނަމަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން ނެރެގެން ނަމަވެސް ހުއްޓުވައި ދިނުމަށް މާލޭ ސިޓީކައުންސިލުން ގޮވާލައިފި އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ވެރިރަށުގައި ފަށައިގެން އުޅޭ ސިލްސިލާ މުޒާހަރާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން މިއަދު "ފަންސަވީހު"ގައި ބޭއްވި ބައްދަލުވުމުގައި މޭޔާ ސަރަންގު އާދަމް މަނިކު ވިދާޅުވީ ވެރިރަށުގައި މިހާރު ކުރަމުންދަނީ މުޒާހަރާތަކެއް ނޫން ކަމަށާއި އެއީ ހިންގާ ހަމަނުޖެހުންތަކެއް ކަމަށެވެ. އަދި އެ މުޒާހަރާތަކާއި ހަމަނުޖެހުންތައް ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭނަމަ ސިފައިން ނެރެގެން މުޒާހަރާތައް ހުއްޓުވައި ދިނުމަށް ދިވެހި ފުލުހުންނަށް ގޮވާލާ ކަމަށެވެ.
ސަރަނގު ވިދާޅުވީ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ފުލުހުންނާ މާލޭ ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މާލޭގައި މީހުން ދިރިއުޅޭ އެއްވެސް ހިސާބެއްގައި މުޒާހަރާކޮށްފިނަމަ އެފަދަ މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޭޔާ ވިދާޅުވީ މުޒާހަރާތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ 60،000 މީހުންނާއި މާލޭގެ 70،000 މީހުންގެ ތެރެއިން އެތައް ބަޔަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މަޖީދީމަގާއި ޗާންދަނީ މަގު ބައްދަލުވާ ހިސާބުގެ ހަތަރު އަނގޮޅި ކަންމަތީގައި ހުންނަ ބޮޑެތި ފިހާރަތަކަށް ލަފާ ނުކުރެވޭ ވަރަށް ގެއްލުންވަމުންދާ ކަމަށާއި އެފަދަ ގެއްލުންތައް ފައިސާއިން އަންދާޒާ ނުކުރެވޭނެ ކަމަށެވެ.
މާލޭގައި ކުރާ މުޒާހަރާތަކަށް މާލެ ކައިރި ރަށްތަކުން މީންހުން ގެންނަ ކަމަށް އިޝާރާތްކުރައްވައި ސަރަންގު ވިދާޅުވީ އޭގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސިޓީ ކައުންސިލަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭނުން ފުރިހަމައަށް ހިފާނެ ކަމަށް ސަރަންގު ވިދާޅުވި އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މާލޭގެ ސަރަހައްދުތަކުގައި ކުރާ މުޒާހަރާތައް ހުއްޓުވަން ސިފައިން ނެރުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލާފައިވާއިރު، ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ މިރޭ ވެސް މަޖީދީމަގާއި ޗާންދަނީމަގު ބައްދަލުވާ ޖަންކްޝަން ސަރަހައްދުގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ނަމަވެސް ފުލުހުން އިއްޔެ ބުނެފައި ވަނީ ސުނާމީ ބިނާ ސަރަހައްދާއި އާޓިފިޝަލް ބީޗް ފިޔަވައި އެހެން ތަނެއްގައި މުޒާހަރާ ކުރާނަމަ އިންޒާރަކާ މުޒާހަރާތައް ރޫޅައިލާނެ ކަމަށެވެ. ފުލުހުން އިއްޔެ ދިން އިންޒާރާއެކު ރޭގެ މުޒާހަރާ ވެސް ވަނީ ތިން ފަހަރެއްގެ މަތިން ރޫޅާލައި އެއްވި މީހުން ފައްސާލާފަ އެވެ.