15 Apr 2016, 11:30
ޔޫއެފާ ޔޫރޮޕާ ލީގުގައި ފަހަތުން އަރައި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން މޮޅުވެ، އިނގިރޭސިވިލާތުގެ ލިވަޕޫލް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ލިވަޕޫލްގެ ދަނޑު، އެންފީލްޑްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ މެޗުގައި ޑޯޓްމަންޑްގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދީ 4-3 ލަނޑުންނެވެ. ސެމީން ލިވަޕޫލް ޖާގަ ހޯދީ 5-4 ލަނޑުގެ އެގްރިގޭޓުންނެވެ. ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުގައި ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޑޯޓްމަންޑް ކޮޅަށް ލަނޑުޖެހުމަށްފަހު، ލިވަޕޫލްގެ ކުޓީނިއޯ (ވ) އުފާފާޅުކުރަނީ: ޑޯޓްމަންޑް އަތުން މޮޅުވެ، ލިވަޕޫލް ސެމީއަށް ދިޔައީ 5-4 ލަނޑުގެ އެގްރިގޭޓުން --- ފޮޓޯ: އޭޕީ
ޔޫރޮޕާ ލީގުގެ ސެމީގެ ޖާގަތައް ދެން ހޯދާފައިވަނީ ސްޕެއިންގެ ސެވިއްޔާ އާއި، ޔޫކްރޭނުގެ ޝަޚްތަރު ޑޮނެސްކް އަދި ސްޕެއިން ވިޔަރެއާލް އެވެ. ސްޕެއިންގެ އެތުލެޓިކް ކްލަބު އަތުން އެގްރިގޭޓުން އެއްވަރުވުމުން، ޕެނަލްޓީން ސެވިއްޔާ ކުރި ހޯދައި ސެމީގެ ޖާގައެއް ހޯދިއިރު، ޝަޚްތަރު ސެމީން ޖާގަ ހޯދީ ފަސޭހަކަމާއެކު ސްޕޯޓިން ބްރާގާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ވިޔަރެއާލް ސެމީއަށް ދަތުރުކޮށްފައިވަނީ ސްޕާޓާ ޕްރަހާ ބަލިކުރުމަށްފަހު އެވެ.
ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑޯޓްމަންޑުން ވަނީ ފަސް ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. އެ ލަނޑު ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ ހެންރިކް މިކިތާރިޔަން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕިއެރޭ އެމެރިކް އޮބަމެޔަންގް އުފެއްދި ހަމަލާ، ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅައިންނެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ކައުންޓާ އެޓޭކެއްގައި މާކޯ ރޮއިސް ދިން ރީތި ބޯޅައަކުން އެ ލަނޑު ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނީ އޮބަމެޔަންގް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އުފެއްދި ހަމަލާއަކުންނެވެ.

ޑޯޓްމަންޑްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު އެ ޓީމުގެ ޖަރުމަން ތަރި މާކޯ ރޮއިސް އުފާފާޅުކުރަނީ: ޑޯޓްމަންޑް އަތުން މޮޅުވެ، ލިވަޕޫލް ސެމީއަށް ދިޔައީ 5-4 ލަނޑުގެ އެގްރިގޭޓުން --- ފޮޓޯ: އޭޕީ
މެޗުގެ 24 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޭމްސް މިލަނާ ދިން ބޯޅައަކުން ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިވޮކް އޮރިގީ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ މިނެޓެއް ނުވަނީސް ޑޯޓްމަންޑަށް ލިބުނު ފުރުސަތަކުން ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޮބަމަޔެންގް އުފެއްދި ހަމަލާ، ޑިފެންޑަރު މަމަޑޫ ސަކޯ ވަނީ ބްލޮކްކޮށްފަ އެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފާމިނޯ ނަގައިދިން ހުރަހަކުން، ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ކުޓީނިއޯ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޑޯޓްމަންޑް ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޑޯޓްމަންޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: ޑޯޓްމަންޑް އަތުން މޮޅުވެ، ލިވަޕޫލް ސެމީއަށް ދިޔައީ 5-4 ލަނޑުގެ އެގްރިގޭޓުން --- ފޮޓޯ: އޭޕީ
ދެވަނަ ހާފް ފެށިތާ ތިން މިނެޓްފަހުން ލިވަޕޫލްއިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެމްރީ ޗޭން ދިން ރީތި ބޯޅައަކުން ލިވަޕޫލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޮރިގީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއްޖަހައި، އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ. ޖަރުމަން ޑިފެންޑަރު މެޓްސް ހުމެލްސް ދިން ރީތި ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ރޮއިސް އެވެ. ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު، ރޮއިސް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގައި ލިވަޕޫލްއަށް ސަޕޯޓަރުންގެ ފަރާތުންނާއި އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕްގެ ފަރާތުން ހިތްވަރު ލިބެމުންދިޔަ އެވެ. ހާއްސަކޮށް، ޑޯޓްމަންޑްގެ ކުރީގެ ކޯޗު ކްލޮޕް ދެމުންދިޔަ ތަރުހީބާއި އިރުޝާދު ފާހަގަކޮށްލެވެ އެވެ.

ޑޯޓްމަންޑް ކޮޅަށް ލިވަޕޫލްއިން ޖެހި ލަނޑަކަށްފަހު، އެ ޓީމުގެ ކޯޗު ކްލޮޕް އުފާފާޅުކުރަނީ: ޑޯޓްމަންޑް އަތުން މޮޅުވެ، ލިވަޕޫލް ސެމީއަށް ދިޔައީ 5-4 ލަނޑުގެ އެގްރިގޭޓުން --- ފޮޓޯ: އޭޕީ
މެޗުގެ 66 ވަނަ މިނެޓުގައި ލިވަޕޫލްއިން ލަނޑެއް ޖަހައި، އުންމީދު އާކުރި އެވެ. ޖޭމްސް މިލްނާ ދިން ބޯޅައަކުން ލިވަޕޫލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުޓީނިއޯ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އިތުރު ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކުޓީނިއޯ ދިން ބޯޅައަކުން ލިވަޕޫލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސަކޯ އެވެ.
ސެމީގެ ޖާގައެއް ލިވަޕޫލްއަށް ކަށަވަރުވީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޖެހި ލަނޑުންނެވެ. މިލްނާ ނަގައިދިން ހުރަހަކުން ލިވަޕޫލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާ ޑިފެންޑަރު ޑެޖާން ލޮވްރެން އެވެ.