15 Apr 2016, 00:21
ނާސަރީގަ އުޅުނު އިރުން ފެށިގެން ތަކުރާރުކޮށް އެތައް އަހަރެއް ވަންދެން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.
ހ. ސަކީނާވިލާ އާދަމް އަލީ 15 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ދައުލަތުން އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
އުމުރުން 57 އަހަރުގެ އާދަމް އަލީ ވަނީ އެ އަންހެން ކުއްޖާ ނާސަރީގައި އުޅުނު އިރުން ފެށިގެން އެކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައެވެ. އެ މައްސަލަ ފަޅާ އެރީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު އެ އަންހެންކުއްޖާގެ އުމުރަކީ ނުވަ އަހަރެވެ.
ކުޅުދުއްފުށީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުވާ އަށް އާދަމް އަލީ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.
ކުޅުދުއްފުއްޓަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރު ރަށެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.