އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލަ ނިމޭއިރު އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތަކާ މެދު ރައްޔިތުންގެ އިތުބާރު އެތައް ގުނައަކުން ބޮޑުވެގެންދާނެ ކަމަށް އެ ދެ އިދާރާ އިން ބުނެފި އެވެ.

އާސަންދަ އާއި އެންސްޕާ އިން މިރޭ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާއަކުން ދެވޭ ޚިދުމަތާ މެދު އެއްވެސް ރައްޔިތެއްގެ ހިތުގައި ސުވާލު އުފެދޭނަމަ އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅައިގެން އެކަން ކުރިޔަށް ގެންދިޔުން ކަމަށެވެ.

އެގޮތުގެ މަތީން އެންސްޕާ އަދި އާސަންދައިން ދެމުންގެންދާ ޚިދުމަތްތަކާމެދު ކުޑަވެސް ސުވާލެއް އުފެދޭ ނަމަ، އެކަން ކަމާ ބެހޭ މުއައްސަސާއަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް އެ ދެ އިދާރާއިން އިދާމަރުޙަބާ ކިޔާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ދެ އިދާރާއާ ގުޅޭގޮތުން މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެންސްޕާ އަދި އާސަންދައިގެ މައްސަލަ ބަލަމުންގެންދާ ގެންދިޔުމަކީ އެފަރާތުން ދިވެހި ރައްޔިތުން ހުށަހަޅާ މައްސަލަތައް ބަލައިގަނެ، ކަމުގެ ހަގީގަތަށް ވާސިލްވުމަށް މަސައްކަތް ކުރާ ކަމުގެ ނިޝާނެއް ކަމުގައި ފާހަގަ ކުރަމެވެ. އެހެންކަމުން މި ފުރުސަތު ގައި އެފަރާތުން ކުރައްވަ މުން ގެންދަވާ މަސައްކަތްތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަމެވެ،" އާސަންދަ އާއި އެންސްޕާގެ ގުޅިފައިވާ ބަޔާނުގައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އާސަންދަ އާއި އެންސްޕާ އިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަދި ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަމަލުކުރަމުންދާކަމަށް ތުހުމަތުކުރާ މައްސަލަތަކެއް އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.