އިނގިރޭސި ވިލާތުގައި ތިއްބެވި ދިވެހިރާއްޖޭގެ އިދިކޮޅު ސިޔާސީ ބޭފުޅުން، ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑާ ބައްދަލު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ އިޔާދަ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދާއި، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އެވެ.

ޕެޓްރީޝާ ސްކޮޓެލެންޑަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރާއްޖެއަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އިން ފިއްތުންތައް ކުރިމަތި ކުރުވި އިރު، ދިވެހި ސަރުކާރަށް ގާނޫނީ ގޮތުން ލަފާ ދެއްވި ފަރާތެކެވެ.

އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އދ. ގެ ވޯކިންގ ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނުން ބަލަމުން ދިޔަ އިރު، ދިވެހި ސަރުކާރަށް ގާނޫނީ ލަފާ ދެއްވި، އިނގިރޭސި ވިލާތުގެ އޮމްނިއާ ސްޓްރެޓަޖީ ލޯ ފާރމްއަށް ލަފާ ދިނުމުގެ ކައުންސިލުގައި ވެސް އެކަމަނާ ހިމެނިވަޑައިގެންފައި ވެ އެވެ.

މިދިޔަ ހަފްތާގައި، ދިވެހި ސަރުކާރުގެ ފަރާތުން ކޮމަންވެލްތުގެ އާ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އިނގިރޭސި ވިލާތަށް ވަޑައިގެންފައި ވެ އެވެ.