14 Apr 2016, 21:03
އަންނަ ޖޫން މަހު ފްރާންސްގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕްގެ އެންމެ ޝަރަފުވެރު ފުޓްބޯޅަ މުބާރާތުން ފުރާންސްގެ ތަރިކަރިމް ބެންޒެމާނުފެންނާނެ ކަމަށް އެގައުމުގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފިއެވެ.
ފްރާންސްގެ ގައުމީ ޓީމުގައި ހިމެނޭ މެތިއު ވެލްބުއެނާ، ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ބެންޒެމާ ޓީމަށް ނުނަގާނެ ކަމަށް ފުރާންސްގެ އެފްއޭއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
"ޓީމްގެ މަސްލަހަތާއި އެއްބައިވަންތަކަން ގެއްލުވާ ނުލުމަށް ބެންޒެމާ ގައުމީ ޓީމަށް ނުނަގަން ނިންމީ،" އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވާ ގޮތުން ބެންޒެމާއަށް ޔޫރޯގައި ކުޅުމުގެ ފުރުސަތު ތަނަވަސް ވެގެންދާނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުން ބަރިއްޔަވެ އޭނާގެ ކުށެއް ނެތްކަން ސާބިތިކޮށްދިނުމުންނެވެ.
"ކޯޓުގައިވާ އެ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ބެންޒެމާ ޓީމަށް ނެގުމަކީ މުޅި ޓީމުގެ ކުޅުންތެރިންނަށް ދެވޭ ނުބައި މެސެޖެއް. އެކަމުގެ ނޭދެވޭ އަސަރު ކުރާނީ ވެސް ޓީމަށް. އެއް ކުޅުންތެރިއެއްގެ މަސްލަހަތަށް ވުރެން މުޅި ޓީމުގެ މަސްލަހަތު ރައްކާތެރި ކުރަން ޖެހޭ،" އެ ބަޔާނުގައިވެއެވެ.
ފުރާންސް ގައުމީ ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ ކަމަށްވާ ބެންޒެމާ ޔޫރޯ އަށް ނުނަގަން ނިންމާފައިވާ އިރު އެ ނިންމުމަކީ ފްރާންސް އެފްއޭގެ ރައީސް އާއި އެ ޓީމްގެ ކޯޗު ޑިޑިއޭ ޑިޝެމްޕްސްއާ ވާހަކަ ދެއްކުމަށް ފަހު ނިންމި ނިންމުމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ފުރާންސްގެ ފުޓްބޯޅައިން ސަސްޕެންޑް ކުރެވިފައިވާ ބެންޒެމާއާ ދޭތެރޭ އެ ގައުމުގެ ކޯޓުން އާޅާފައިވާ ބައެއް ފިޔަވަޅުތަށް ނައްތާލުމުން ކުރިން ބެލެވިފައިއޮތީ އޭނާ ޓީމަށް ނަގާނެ ކަމަށެވެ. ނަމަވެސް އެފްއޭގެ އެ ނިންމުމާ ގުޅިގެން ފްރާންސްގެ ބައިނަލްއަގްވާމީ ތަރި މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފެނިގެނެއް ނުދާނެއެވެ.