ޖަޕާނުގެ ދެކުނުގެ ސަރަހައްދަކަށާއި، ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމުގައިވާ ވަނުއާޓޫ ކައިރިއަށް ރިކްޓަ މިންގަނޑުން 6 ގެ ބާރުމިނުގެ ބިންހެލުންތަކެއް އަތުވެއްޖެ އެވެ.

ޖަޕާނުގެ ދެކުނުގައި އޮންނަ ކުމަމޯޓޯ ޕްރިފެކްޗާގެ މަޝީކީ ޓައުން ސަރަހައްދަށް އައީ 6.2 މެގްނިޓިއުޑުގެ ބިންހެލުމެކެވެ. މި ބިންހެލުން އައީ ބިމުގެ 23 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނެ އެވެ.

ބިންހެލުން އައި ވަގުތު، އެސަރަހައްދަށް ވަރަށް ބޮޑަށް ލޮޅުން އައި އިރު، ތަންތަނުގައި ހުރި ތަކެތި ވެސް ވިއްސިވިހާލި ވެގެން ދިޔަ ކަމަށް ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެ އެވެ. އެގޮތުން، ކުޑަކުޑަ ލޮޅުމެއްގެ ގޮތުގައި ފަށައި، ބާރުގަދަވި ކަމަށާއި، ގާތްގަނޑަކަށް 30 ސިކުންތަށް ލޮޅުންތައް ދެމިގެން ދިޔަ ކަމަށް ޖަޕާނުގެ މީޑިއާގައި ރިޕޯޓު ކޮށްފައި ވެ އެވެ.

ބިންހެލުމަށް ފަހު ކުދިކުދި ލޮޅުންތައް ވެސް އެ ސަރަހައްދަށް އައިސްފައި ވެ އެވެ.

މި ބިންހެލުމާ ގުޅިގެން އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ބައެއް އިމާރާތްތައް ބިމާ ހަމަވެފައި ވެ އެވެ.

މިއަދު ދެވަނަ ބިންހެލުމެއް އައިސްފައި ވަނީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމު ވަނުއާޓޫ ކައިރިއަށެވެ. ވަނުއާޓޫގެ ހުޅަނގު އުތުރުން 133 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމާއި ގުޅިގެން ވެސް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެ އެވެ.

ރޭ އިންޑިއާއާއި މިޔަންމާއާ ގުޅޭ ބޯޑަރު ސަރަހައްދަށް ވެސް ވަނީ ރެކްޓަ މިންގަނޑުން 6.9 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ. އަދި މި ހަފްތާގައި އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަށް ވަނީ 6.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައެވެ.