ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުން އައި، ނާއިލް އަހުމަދު ނާހިދު ނިޔާވުމަކީ، ފުޓްބޯޅަ އާއިލާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން ބުނެފިއެވެ.

ލަންކާގައި ތައުލީމް ހާސިލް ކުރަމުންދާ ނާއިލް ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ބެލްކަނިން ގޭތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އަރިއަޅާލައިގެން ގޮސް ކަރަންޓް ވާގަނޑެއްގައި ހިފުމުގެ ސަބަބުން ކަރަންޓު ޖެހިގެންނެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ފޭސްބުކް ޕޭޖުގައި މިއަދި ޝާއިއުކުރި ޕޯސްޓެއްގައި ވަނީ ނާއިލްއަކީ ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށާއި، ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމާއެކު އެކި މުބާރާތްތަކުގައި އޭނާ ތަމްސީލުކޮށްދީފައި ކަމަށެވެ.

"މިއީ ފުޓްބޯޅަ އާއިލާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް،" އެފްއޭއެމްގެ އެ ޕޯސްޓްގައި ވެއެވެ.

ނާއިލްއަށް ހެޔޮދުއާ ކުރާ ކަމަށާއި، މި ހިތާމަވެރި ދަނޑިވަޅުގައި ނާއިލްގެ އާއިލާ އަށާއި އެކުވެރިންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރާ ކަމަށް ވެސް އެފްއޭއެމްގެ އެ ޕޯސްޓްގައިވެއެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ އިތުރުން ނާއިލް އަކީ 21 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ. އެގޮތުން ނާއިލްގެ ހަނދާނުގައި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ.