14 Apr 2016, 20:18
ކާދު އަދި ބަޔޯޕެސްޓިސައިޑް ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ޏ. ފުވައްމުލަކުގައި ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި ފުވައްމުލަކު އަތޮޅު ކައުންސިލް ގުޅިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގުރާމްގެ މަގްސަދަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ކޮމްޕޯސްޓުގެ ސަބަބުން ދަނޑުބިމަށާއި ގަސްގަހަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް، ރަށުން ލިބެންހުރި ތަކެތި ބޭނުންކޮށްގެން އަމިއްލައަށް ކާދު ތައްޔާރު ކުރުމަށް ދަނޑުވެރިންނަށް ދަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހަމައެހެންމެ، ދަނޑުތަކަށް ގެއްލުންދޭ ފަނިފަކުސައާއި ޖަރާސީމުތައް ކޮންޓްރޯލް ކުރުމަށް ކެމިކަލްގެ ބަދަލުގައި ފަސޭހައިން ބަޔޯ ޕެސްޓިސައިޑްސް ތައްޔާރު ކުރަން ދަނޑުވެރިންނަށް ދަސްކޮށްދީ، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމުގެ އުސޫލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުވުން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ޕްރޮގުރާމުގެ ދަށުން ކާދު ތައްޔާރު ކުރާނެ ވަސީލަތެއް ފުވައްމުލަކުގައި ގާއިމުކޮށް، އެ މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި އާލާތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި ތަމްރީނު ޕްރޮގުރާމްގައި 87 ފަރާތަކުން ބައިވެރިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.