15 Apr 2016, 09:21
ދެމަފިރިން ވަކިވުމުން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމަށް އާއިލާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އިޖުތިމާއީ ކޮމެޓީން ފާސްކޮށްފި އެވެ.
އިޖުތިމާއީ ކޮމެޓީން އެ އިސްލާހު އެގޮތަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކައިވެނިކުރާއިރު، އެ ކައިވެނީގައި ހިމެނޭ ދެފަރާތުން ދިރިއުޅުން ބިނާކުރުމުގައި ތަބާވާނެ މައިގަނޑު އުސޫލުތައް، ދެފަރާތުގެ ދެމެދުގައި ލިޔުމަކުންވެވޭ އެއްބަސްވުމެއްގައި ހިމަނަންވާނެ ކަމަށެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާއަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ އެއްބަސްވުން އެކުލަވާލަންވާނީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ދެމަފިރިން އެކުގައި އުޅުނުއިރު ހޯދާފައިވާ މުދަލެއް އަދުލުވެރި ގޮތެއްގައި ކޯޓުން ބަހަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކައިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި މެދު އަމަލުކުރާނެ ގޮތަކާއި މެދުގައި ހިލާފުވެއްޖެ ހާލަތެއްގައި ކަމަށެވެ.
މުދާ ބަހާއިރު ކޯޓުން ބަލަންޖެހޭ ކަންކަން:
- ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއްވާނަމަ އެ ފައިސާއެއް ނުވަތަ މުދަލުގެ މިންވަރު ކަނޑައެޅުން.
- އެ ފައިސާއިން ނުވަތަ މުދަލުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ހައްގުވާ ބައި ނުވަތަ މިންވަރު ކަނޑައެޅުން.
ބިލު ހުށަހެޅުއްވި ސަބަބުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކައިވެނި ރޫޅުމުން އާއިލާ ނިކަމެތި ވެދިޔުމުގެ ފުރުސަތު ކުޑަކުރުން" ވައުދުގެ ދަށުން ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
ސަރުކާރު މެނިފެސްޓޯގެ "ކައިވެނި ރޫޅިއްޖެ ނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދައިދޭނަން" ވައުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައި ވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެ މުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާ އުސޫލުތައް ވެސް މި ބިލުގެ ދަށުން ގާއިމް ކުރެވޭނެ އެވެ.