ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ނިމެން ދަނިކޮށް، ބޯޅައިގައި އަތް ލެވުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ކަމެއް، ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކެޕްޓަން ގަބީ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންޓޮއިން ގްރީޒްމަންގެ ދެ ލަނޑުން ބާސާގެ މައްޗަށް އެތުލެޓިކޯ ކުރި ހޯދީ 2-0 ލަނޑުންނެވެ. އެތުލެޓިކޯ ސެމީއަށް ދިޔައީ 3-2 ލަނޑުގެ އެގްރިގޭޓުންނެވެ.

މެޗު ނިމެން ދަނިކޮށް، ބޯޅައިގައި ގަބީ އަތްލުމާ ގުޅިގެން، ބާސާއަށް ރެފްރީ ނިކޯލާ ރިޒޯލީ ދީފައިވަނީ ހިލޭ ޖެހުމެކެވެ. ނަމަވެސް ރީޕްލޭ ތަކުން ދައްކާގޮތުގައި، ގަބީގެ އަތުގައި ބޯޅަ ޖެހުނީ ޕެނަލްޓީ އޭރިޔާ ތެރެއިންނެވެ.

"އާނ. އަހަރެންގެ އަތުގައި ބޯޅަ ޖެހުނު. އެކަމަކު އަހަރެންނަކަށް ނޭނގެ ބޯޅައިގައި އަތްލެވުނީ ޕެނަލްޓީ އޭރިޔާ ތެރެއިން ކަމެއް ނުވަތަ ނޫން ކަމެއް. ޕެނަލްޓީ އޭރިޔާ ތެރެއިން ޖެހުނު ނަމަ، އަހަރެން ވެސް ބުނާނީ އެއީ ޕެނަލްޓީއެކޭ،" ގަބީ ބުންޏެވެ.

ސްޕެއިންގެ އެތުލެޓިކޯއާއެކު ސެމީއަށް ދެން ދަތުރުކޮށްފައިވަނީ ވާދަވެރި ރެއާލް މެޑްރިޑާއި، އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަދި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ.