މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. މާމެންދޫގައި ކަނޑިއަކުން ހަމަލާދީ ހިންގި ބޮޑު މާރާމާރީއާ ގުޅިގެން އިތުރު ކުޑަ ކުއްޖަކު ހައްޔަރުކޮށް މާރާމާރީ ހިންގުމުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ކަނޑިއެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މާމެންދޫގައި ހިންގި މާރާމާރީއާ ގުޅިގެން އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރުން
ދަށުގެ ކުއްޖާ ފުލުހުން އިއްޔެ ހައްޔަރުކޮށް، އެޢަމަލު ހިންގުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ކަނޑި ފުލުހުން ހޯދާފައި ވަނީ މާމެންދޫ އަތިރިމައްޗާ ދިމާލު ވަލުތެރޭގައި ވަޅުލާފައި އޮއްވައި ކަމަށެވެ.

ފުލުހުން ވަނީ މިހާތަނަށް އެ މައްސަލަ އާ ގުޅިގެން އެކި ފަހަރު މަތިން ހަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެގައި ދެ ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ހާތިޔާރު ހިފައިގެން އަރައި މާމެންދޫގައި ހިންގި އެ މާރާމާރީގައި ޒަޚަމްކޮށްލާފައި ވަނީ އެ ރަށުގައި ހުރި ގދ. ނަޑެއްލާ ކްލައިމެކްސް އަހުމަދު ޝާޒް އައްބާސް 23، އެވެ. އެ ހަމަލާގައި އޭނާގެ ކަނާތުފައިގެ ކަކުލު ހުޅަށް ހަމަލާދީ ކަކުލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފަ އެވެ. ޝާޒަކީ، ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ހުކުމްކޮށްފައިހުއްޓައި ޕެރޯލްގެ ދަށުން ދޫކޮށްލި ގދ. ނަޑެއްލާ އަތަމާގޭ އިބުރާހިމް ނާފިޒް (ޗިކާ)ގެ ތިމާގެ މީހެކެވެ. ޝާޒްގެ ކާފަ އާއި ޗިކާ އަކީ ދެބެންގެ ދެދަރިން ކަމަށްވެ އެވެ.
ޝާޒަކީ ނަޑެއްލާގެ ކުރީގެ ކައުންސިލަރު، އައްބާސް ޢަލީގެ ދޮށީ ފިރިހެންދަރިފުޅެވެ.