މުއާސަލާތީ ކުންފުނި ދިރާގަށް ނިމިދިޔަ 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ އެވެ. އަދި 2014 ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައިވާ ޖުމްލަ އާމްދަނީއަކީ 2.1 ބިލިއަން ރުފިޔާ އެވެ. 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2014 ވަނަ އަހަރު ލިބުނީ 701 މިލިއަން ރުފިޔާ އެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރުވެސް ސާފު ފައިދާގެ 100 ޕަސެންޓް ހިއްސާދާރުންނަށް ދިނުމަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ދިރާގަށް ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ ވަރުގެ ފައިދާއެއް ލިބިފައިވާ އިރު، 2015 ވަނަ އަހަރު އެ ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން އެ އަދަދު 400000 އަށްވުރެ ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ވަނީ 358 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ.

ދިރާގުން އަހަރުތެރޭގައި ހާސިލްކޮށްފައިވާ މުހިންމު ލަނޑުދަނޑިތަކަށް ބަލާއިރު، މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަނީ ތްރީޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީ ފޯޖީގެ ހިދުމަތްތައް އިތުރު ރަށްރަށަށް ތައާރަފްކޮށް އާބާދީގެ 58 ޕަސެންޓަށް ފޯޖީގެ ހިދުމަތް ފުޅާކޮށްފަ އެވެ. އޭގެ އިތުރުން ދިރާގުން ވަނީ 100 އެމްބީޕީއެސްއާ ހަމައަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތްވެސް ތައާރަފްކޮށްފަ އެވެ.

އޭގެ އިތުރުން ކަސްޓަމާސާވިސްގެ ހިދުމަތް އިތުރަށް ފުޅާކޮށް، ފަސޭހަކަމާ އެކު ކަސްޓަމަރުންނާ މުއާމަލާތްކުރުމަށްޓަކައި ލައިވް ޗެޓްގެ ހިދުމަތް އޮންލައިންކޮށް ހޯދުމާއި އޮންލައިންކޮށް ބިލްދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފަ އެވެ.

ދިރާގުގެ 2015 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޓް ފާސްކުރަން ހަމަޖައްސާފައި ވަނީ މިމަހު 26 ވަނަ ދުވަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.