14 Apr 2016, 18:06
ރޭގެ ވަގުތެއްގައި ކަރަންޓުގައި ޖެހި، ނިޔާވި ނާއިލް އަލީ ނާހިދުގެ ހަނދާނުގައި ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފި އެވެ.
ނާއިލް އަކީ 21 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.
ނާއިލް ނިޔާވުމުން އެކަމުގެ ހިތާމައިގައި ސުކޫތު ގެނެސްފައި ވަނީ ހެންވޭރު ދަނޑުގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ތެރެއިންނެވެ. މުބާރާތުގެ މެޗުތައް ފެށުމުގެ ކުރިން މިއަދު ހަވީރު 3:45 ގައި ބޭއްވި ސުކޫތުގައި ހޭންޑްބޯލް އެސޯސިއޭޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން އަދި ބެލެނިވެރިންނާއި ޓީޗަރުންވެސް ވަނީ ބައިވެރިވެފަ އެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ ނާއިލް އަކީ ވަރަށް ބަސް އަހާ ކިޔަމަންތެރި ކުއްޖެއް ކަަމަށާއި، ނާއިލް ނިޔާވުމަކީ ހޭންޑްބޯލް އަށް ލިބުނު ގެއްލުމެއް ކަމަށެވެ.
ހޭންޑްބޯލްގެ އިތުރުން ނާއިލް އަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެވެސް ކުޅުންތެރިއެކެވެ. ނާއިލް ނިޔާވުމާ ގުޅިގެން އެފްއޭއެމް އިން ބުނީ އޭނާ އަކީ ވަރަށް ހުނަރުވެރި އަދި އެހާމެ މޮޅު ކުޅުންތެރިއެއް ކަމަށާއި ނާއިލް ނެތުމަކީ ފުޓުބޯޅަ އާއިލާއަށް ލިބުނު ގެއްލުމެއް ކަމަށެވެ.
ނާއިލް ނިޔާވެފައި ވަނީ، ބެލްކަނިން ގޭތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އަރިއަޅާލައިގެން ގޮސް ކަރަންޓް ވާގަނޑެއްގައި ހިފުމުގެ ސަބަބުން ކަން ސަން އަށް ވަނީ އެނގިފަ އެވެ.
މައުލޫމާތު އެނގޭ މީހަކު ސަން އަށް ބުނީ އެ ކުއްޖާ ބެލްކަނިން އަރަން މަސައްކަތް ކުރީ، ބެލް ޖަހައިގެން އެއްވެސް މީހަކު ގޭ ދޮރު ނުހުޅުވުމުން ކަމަށެވެ.