14 Apr 2016, 16:05
ކައުންސިލްތަކުގެ އުމުރު، ގާނޫނު އަސާސީން އުނިކުރުމަށްފަހު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ގާނޫނަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައިވާ އިސްލާހު ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފި އެވެ.
އެ އިސްލާހު ކޮމެޓީން ފާސްކުރީ އިތުރު އެއްވެސް ބަދަލު ގެނައުމެއް ނެތި ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެ އިސްލާހަކީ މިދިޔަ އަހަރުގެ މާޗު މަހުގެ 18ވަނަ ދުވަހު މަޖިލީހަށް އާމިރު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ކޮމެޓީން ފާސްކޮށްފައި ވަނީ ދެވަނަ ފަހަރަށް އިސްލާހު އަނބުރާ ކޮމެޓީއަށް ފޮނުވާލުމުންނެވެ. އެ އިސްލާހު އަނބުރާ ކޮމެޓީއަށް ފޮނުވާލީ ގާނޫނު އަސާސީ އިސްލާހުކުރާ ވަރަށް ވޯޓު ނުލިބުމުންނެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 64 މެމްބަރުންނެވެ.
އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރަންޖެހޭ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.
ހަމައެއާއެކު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ވެސް ގާނޫނުގައި ކަނޑައެޅިފައި އޮންނަންވާނެ ކަމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ/ މަޖިލިސް
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި އިންތިހާބު ކުރާ ކައުންސިލްތަކުގެ ރައީސް އާއި ނައިބް ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލެއްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ ސިއްރު ވޯޓުންނެވެ. އަދި (ނ) ގައި ބުނެފައި ވަނީ އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލް ތަކުގެ އުމުރަކީ ތިން އަހަރު ކަމަށެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އާމިރު ވިދާޅުވެފައި ވަނީ އެ ގޮތަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާގެ ދަށުން އުފެދި ހިންގަމުންދާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ރައްޔިތުންނަށް ފައިދާކުރަނިވި ކަމެއް ކަމަށެވެ. ހަމައެއާއެކު އެ ނިޒާމަކީ ނަތީޖާ ހާސިލުކުރަނިވި މިންގަނޑުތަކުގެ ތެރޭގައި ގާއިމްވެފައިވާ ނިޒާމަކަށް ވާންޖެހޭ ކަމަށް އާމިރު ވިދާޅުވި އެވެ.
"ގާނޫނުގައި ކުރިން ނަންގަނެވުނު ނިޒާމާ ގުޅޭ ތަފްސީލްތައް ގާނޫނު އަސާސީއަށް ވުރެ ފުޅާ ގޮތެއްގައި ލިޔެވި ބަޔާން ކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ހިނދު އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސަކީ އެ ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި އޮތުމަށް ވުރެއް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވައިލެވޭނެ އެންމެ ފުރިހަމަ ގޮތް،" އިސްލާހު ހުށަހެޅުއްވި ސަބަބަކަށް އާމިރު ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށްފައިވާއިރު އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ އެއީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ތިން ވަނަ ފަހަރެވެ.
ގާނޫނު އަސާސީއަށް އެންމެ ފުރަތަމަ އިސްލާހު ގެނައީ ބޭރުގެ ފަރާތްތަކަށް ބިން ދޫކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހެވެ. ގާނޫނު އަސާސީއަށް ދެވަނަ އަށް ގެނެސްފައިވާ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅައި ގާނޫނު އަސާސީ އަށް ގެނެސްފައިވާ އިސްލާހެވެ.