14 Apr 2016, 18:23
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އަންނަ އަހަރުގެ ތެރޭގައި އިސްލާމިކް ފައިނޭންސް އަދި އިސްލާމީ ނޫސްވެރިން ބިނާކުރުމަށް ހާއްސަ ކޯސްތަކެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އައިޔޫއެމް އިން އަންނަ ޖޫން މަހު ފަށަން ނިންމާފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނޫސްވެރިއަކުން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމު ވިދާޅުވީ، އިސްލާމިކް ފައިނޭންސްގެ ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ.
އެގޮތުން، އިސްލާމިކް ފައިނޭންސަށް ހާއްސަ ޔުނިޓެއް ގާއިމްކުރުމަށް ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމަނާފައިވާއިރު، އައިޔޫއެމްގެ އަމިއްލަ އިސްލާމިކް ފައިނޭންސާއި ތަކާފުލް އަދި އިންޝުއަރެންސަށް ހާއްސަ ޕްރޮގްރާމްތަކެއް އަންނަ ޖަނަވަރީ މަހުގެ ތެރޭގައި ތައާރަފްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އިސްލާމީ ފައިނޭންސްގެ ވަރަށް ބޮޑު އަސާސެއް އިސްލާމީ ފައިނޭންސް ކުރާ ކޮންމެ މުއައްސަސާއެއްގައި އިސްލާމީ ޝަރީއަތް ބޯޑެއް އޮންނަންޖެހޭ. އެ ހުރިހާ ތަނެއްގައި ވެސް މިތިއްބަވަނީ އެއްބައެއް. އެއީ މީހުން މަދުވީމަ. އެހެންވީމަ އަޅުނގަޑުމެން މަސައްކަތްކުރާނަން މި މުއައްސަސާއިން ޝަރީއާ ކައުންސިލްތަކާއި ޝަރީއާ ބޯޑުތަކުގައި ތިއްބަވާނެ ބޭފުޅުން އުފައްދަން،" ޝަހީމު ވިދާޅުވި އެވެ.
އައިޔޫއެމް ގައި މިހާރު ވެސް މެލޭޝިއާގެ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓްގެ އިސްލާމީ ފައިނޭންސުގެ ކޯހެއް ދަނީ އެ ޔުނިވާސިޓީއާ ގުޅިގެން ހިންގަމުންނެވެ.
ވައިސް ޗާންސެލަރު ޝަހީމް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ކޯސްތަކެއް ވެސް ފަރުމާ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން އެ ކޯސްތަކުގެ ތަފާތަކީ އިސްލާމީ ޖާނަލިސްޓުން އުފެއްދުން ކަމަށާއި އެ ކޯސް ފަރުމާކުރާނީ އިސްލާމީ އަދަބު އަހުލާގާއި ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ އިސްލާމީ އެތިކްސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައިޔޫއެމް އިން ވަނީ އަންނަ ޖޫން މަހު އެ ޔުނިވާސިޓީން އަލަށް ފަށަން ނިންމާފައިވާ ކޯސްތައް އިއުލާންކޮށްފައެވެ.