14 Apr 2016, 15:50
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓް ހާމް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ވެސްޓް ހާމްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފަސް ވަނަ މިނެޓުގައި ވެސްޓް ހާމަށް ލަނޑުޖަހައި، ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެސްޓް ހާމްގެ އެނާ ވެލެންސިއާއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ، ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ އަތަށެވެ.

ވެސްޓް ހާމް ކޮޅަށް ޔުނައިޓެޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު، ފެލާނީ އުފާފާޅުކުރަނީ: ވެސްޓް ހާމްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލާނީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖެސޭ ލިންގާޑް ދިން ބޯޅައަކުން ފެލާނީ އުފެއްދި ހަމަލާ، ވެސްޓް ހާމްގެ ޑިފެންޑަރު އެންޖެލޯ އޮގްބޮނާގެ ފައިގައި ޖެހިފައި ދިޔަ ބޯޅަ، ކީޕަރު ޑެރެން ރަންޑޯލްފް ހޯދި އެވެ.
މެޗުގައި ފެނިގެންދިޔަ ތިން ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ހޯދައިދިނީ މާކޮސް ރެޝްފޯޑް އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފެލާނީ އެވެ. މެޗުގައި ވެސްޓް ހާމްއިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 79 ވަނަ މިނެޓުގައި އެންޑީ ކެރޯލް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޖޭމްސް ޓޮމްކިންސް އެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މި މަހުގެ 23 ވަނަ ދުވަހު ޔުނައިޓެޑް ނުކުންނަން ޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ. ސެމީގައި ދެން ވާދަކުރަނީ ކްރިސްޓަލް ޕެލަސް އާއި ވެޓްފޯޑް އެވެ.