އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މި އަހަރުގެ ޖޫން މަހު ސެމިސްޓަރުގައި ރާއްޖެ އަށް މުޅިން އާ ނުވަ ކޯހެއް ފަށަން ނިންމާފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކޮލެޖުން އަންނަ ޖޫން މަހުގެ ސެމިސްޓަރުގައި ފަށާ ކޯސްތައް އިއުލާންކޮށްދެއްވާފައި ވަނީ ޔުނިވާސިޓީގައި އުފައްދާފައިވާ ސެންޓަރު ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒުގެ ހެޑް، ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

އައިޔޫއެމްގައި އަންނަ ޖޫން މަހު މުޅިން އަލަށް ފަށަން ނިންމާފައިވާ ކޯސްތައް:

  • ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯ

    • ޑޮކްޓަރު އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ
    • މާސްޓާ އޮފް އާޓް އޮފް އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ
    • މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ
  • ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާ
    • މާސްޓާ އޮފް ޤިރާއަތް
  • ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް
    • މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑާޝިޕް
    • މާސްޓާ އޮފް އަޤީދާ އެންޑް އިސްލާމިކް ތޯޓްސް
  • ކުއްލިއްޔާ އޮފް އެޑިއުކޭޝަން
    • ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް އިން "ޓިސޯލް"
    • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން "ޓިސޯލް"
    • ޕޯސްޓް ގްރެޖުއޭޓް އޮފް އާޓްސް އިން "ޓިސޯލް"

މި ކޯސްތަކުގެ އިތުރުން އަންނަ ޖޫން މަހުގެ ސެމިސްޓާގައި ޓީޗިންގެ ރޮނގުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެސޯސިއޭޓް ޑިގްރީ އިން އެޑިއުކޭޝަން (ޕްރައިމަރީ) އަދި ބެޗްލާސް އޮފް އެޑިއުކޭޝަން (ޕްރައިމަރީ) ފަށަން ނިންމާފައިވާ ކަމަށް އައިޔޫއެމް އިން ބުނެ އެވެ.

އައިޔޫއެމްގައި ކިޔަވައިދޭ ހުރިހާ ކޯސްތަކަށް ވަނުމަށް ޓަކައި ދިވެހި ބަހުގެ އިތުރުން އަރަބި ބަސް ނުވަތަ އިނގިރޭސި ބަހަށް އަހުލުވެރިވުމަކީ ޝަރުތެކެވެ.

އެ ޔުނިވާސިޓީން ބުނީ، އެ ޔުނިވާސިޓީގެ މާސްޓާ އަދި ޕީއެޗްޑީ ކޯސްތައް ފަރުމާކޮށްފައި ވަނީ، ކޯސް މަސައްކަތާއި ދިރާސާއަކާ އެކު އަދި ހަމައެކަނި ދިރާސާއަކާ އެކު ކުރިއަށް ގެންދެވޭ ގޮތަކަށް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކުރެވޭ ޕޯސްޓްގުރެޖުއޭޓް ދިރާސާތައް ސުޕަވައިޒްކުރުމާ ބެހޭ ގަވާއިދު މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށެވެ. އަދި ތީސިސް/ ޑެސާޓޭޝަން ސުޕަވައިޒް ކުރާނެ ގޮތުގެ ތަމްރީން ޕްރޮގްރާމެއް، ރާއްޖޭން ބޭރު ގައުމެއްގެ ޕްރޮފެސަރަކާއެކު މި މަހު ފަހު ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.