ދައުލަތުގެ ބަޖެޓުންނާއި ހިލޭ އެހީގެ ދަށުން ސަރުކާރުން ހިންގާ ތަރައްގީގެ އެކި މަޝްރޫއުތައް 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް ނުދީ ބޭރުގެ ކުންފުނިތަކަށްދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހަޅުއްވައިފި އެވެ.

ނަމަވެސް އެއީ ކޮން ޕްރޮޖެކްޓުތަކެއް ކަމެއް އޭނާ ބަޔާންކޮށްފައެއް ނުވެ އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ލަތީފް ހުށަހެޅުއްވި އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ލަތީފް ވިދާޅުވީ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ ސިޓީއާ ގުޅިގެން އެ މެމްބަރު ކޮމެޓީ އަށް ހާޒިރުކުރުވަން ފެންނަ ކަމަށެވެ.

"މި ސިޓީގައި އެބަ ބުނޭ އެގޮތަށް ޕްރޮޖެކްޓުތައް ދިނީމަ ޑޮލަރުތައް ރާއްޖެ އިން ބޭރުވެ، ކުދި ވިޔަފާރިތައް ހުއްޓޭ ވާހަކަ. އަދި ދިވެހިންނަށް ކިރިޔާ ވެސް ކުރެވޭ ވަރުގެ ކަންކަން މިދެނީ ބޭރު މީހުންނަށޭ. އެއީ އަޅުގަނޑުމެން ހަމަ ކަންބޮޑުވާ ކަމެއް. ބޭރު ފައިސާގެ ދަތިކަމަކީ އަބަދު ވެސް އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކައެއް. މިކަންކަމަށް ބަލާއިރު އަޅުގަނޑަކަށް ނުފެނޭ މިއީ ބަލަން ނުޖެހޭ މައްސަލައެއް ކަމަކަށް،" ރިޔާޒު ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވި މެމްބަރަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ހުށަހެޅުއްވި މެމްބަރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އެކަން އެ މެމްބަރު ކުރެއްވީ ރަނގަޅު ނިޔަތެއްގައި ކަމަށްވާ ނަމަ އެ މައްސަލަ ކޮމެޓީން ބެލުމަށް ތާއީދު ކުރައްވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އެ މައްސަލައަކީ ސަރުކާރުގެ ޕޮލިސީ ލެވަލްގެ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ސަރުކާރުގެ ފަރާތުން ހޯދަން ޖެހޭ ރަނގަޅު މައުލޫމަތު ހޯދުމަށް ފަހު ނޫނީ އެ މައްސަލާގައި ކޮމެޓީން ގޮތެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.