އާސަންދަ އޮފީހުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަދި ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަމަލުކުރަމުންދާކަމަށް ތުހުމަތުކުރާ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރުމުގައި ވަކި ކަމެއް ކުރުމަށް، އަދި ވަކި ކަމެއް ނުކުރުމަށް އާސަންދަ އޮފީހަށް، އަދި އެންސްޕާއަށް ވެސް އަންގާފައި ނުވާނެ ކަމަށެވެ.

ނަމަވެސް، ދެ އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމުގައި، ހަގީގަތާ ހިލާފު މައުލޫމާތު ދެމުން ގެންދާކަމަށް އޭސީސީ އަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އާސަންދަ އޮފީހުން އަދި އެންސްޕާއިން ދެމުންގެންދާ އެއްވެސް ހިދުމަތެއް ދިނުން ހުއްޓާލުމަށް ނުވަތަ ހިދުމަތް ދިނުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް މިކޮމިޝަނުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ވާހަކަ އާންމުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީ އިން ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ހަމަހަމަކަމާއެކު، ދެފުށް ފެންނަ، އަދި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ދިނުމަށް އާސަންދަ އޮފީހަށާއި އެންސްޕާއަށް އިލްތިމާސްކޮށްފަ އެވެ.