މާދަމާ ރޭ ފުވައްމުލަކުގައި ބާއްވާ މުޒާހަރާ އިންތިޒާމް ކުރުމުގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވާ ކަމަށް ބުނެ ދައްކާފައިވާ ވާހަކަ ތަކަކީ ދޮގެއް ކަމަށް ހޯދަޑު ކައުންސިލް އިދާރާއިން ބުނެފި އެވެ.

ފުވައްމުލަކު ރަށު ކައުންސިލްގެ އިދާރާގެ ހޯދަޑު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކުގައި މާދަމާ މުޒާހަރާ އެއް ބާއްވާނެ ކަމަށް ބުނެ އެކަން އިންތިޒާމް ކުރާ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ބައިވެރިވި ކަމަށް ބުނެ މީޑިއާ ތަކަށް ދީފައިވާ މައުލޫމާތަކީ ވަރަށް ބޮޑަށް އޮޅުވާލައިފައިވާ ދޮގު މައުލޫމާތު ތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ބައްދަލުވުމެއްގައި އެއްވެސް ހައިސިއްޔަތަކުން އެމްޑީޕީ އަށް ނިސްބަތްވާ އެއްވެސް ކައުންސިލަރަކު ބައިވެރިވެފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އިތުބާރު ނުހިފޭ ފަރާތްތަކާ ހަވާލާދީ އެފަދަ ޚަބަރުތައް ނުޖެހުމަށް ވެސް މީޑިއާ ތަކަށް ހޯދަޑު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އެ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބަޔަކު މީހުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމުގެ ބޭނުމުގައި ޑޮލަރުގެ އަގު ތިރިކުރުމަށާއި ތަކެތީގެ އަގު ތިރި ކުރުމަށް ކަމަށް ބުނެ މަގުމަތީ މުޒާހަރާކޮށް ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ އާންމުންނަށް އަނިޔާ ކުރަމުން ގެންދާ ކަމަށް ބުނެފައި ވެއެވެ. އަދި އެކަން ކުށްވެރިކޮށް ފުލުހުންނަށް ލިބިގެންވާ ބާރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކޮށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ވެސް ގޮވާލާފައި ވެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށްރަށަކުންނާއި އައްޑޫ ސިޓީން ބައިވެރިވާ ބޮޑު މުޒާހަރާއެއް މާދަމާ ރޭ ފުވައްމުލަކުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުވައްމުލަކު ދަޑިމަގު ރަށު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެކަމުގައި ވަކި ޕާޓީއެއް ވަކި ކުލައެއް ނެތް ކަމަށާއި އެގޮތުން 5000 މީހުންނަށް ވުރެ މަދު ނޫން އަދަދެއްގެ މީހުން މާދަމާ ރޭ އޮންނަ ބޮޑު މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.