28 Apr 2010, 11:05
14:30
ފައިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ އީޒީފިލް ފެޓްރޯލް ޝެޑްތަކުން ކޭޝްކާޑާއި ކްރެޑިޓް ކާޑު ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.
އެސްޓީއޯގެ ސަބް ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ފަރާތުން އެ ކުންފުނީގެ އީޒީފިލް ޕެޓްރޯލް ޝެޑްތަކުގައި ޝާއިކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ފަރާތުން ތެޔޮވިއްކަމުން އަންނަ އީޒީފިލްތަކުން ކޭޝްކާޑާއި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފައިސާ ބަލައިގަތުން ހުއްޓާލެވޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ ގިނަ ކޭޝްކާޑުތައް ބޭނުންކޮށްގެން ކުރެވޭ ވިޔަފާރިތަކުން ފައިސާ ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށެވެ.
މިކަމާ ގުޅިގެން އެފްއެސްއެމްގެ މާކެނެޓިން މޭނޭޖަރ އިބްރާހިމް އިރުފާން މިއަދު ވިދާޅުވީ އެ ކުންފުނިން އެގޮތަށް ނިންމީ ޕެޓްރޯލް އެޅުމަށްފަހު، ކޭޝްކާޑުން ފައިސާ ދެއްކެވުމަށް ކަސްޓަމަރު ކޭޝްކާޑު ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރުމުގައި ބައެއް ކަހަލަ މައްސަލަތައް ދިމާވަމުންދާތީ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ވަކިން ޙާއްސަކޮށް ޕީކް ގަޑިތަކުގައި ކޭޝްކާޑުން ފައިސާ ކެނޑުމުގައި މައްސަލަތައް ދިމާވެގެން ފައިސާ ނުކެނޑޭ ފަހަރުތަކުގައި ބައެއް ކަސްޓަމަރުން އެބައަންނަމޭ ކިޔާފައި ދިއުމަށްފަހު، އެނބުރި ނާންނަ މައްސަލަތައް އާއްމުވާން ފެށުމުން ހިމެނޭ ކަމަށާއި އަދި އެފަދަ ފަހަރުތަކުގައި އެފައިސާއެއް ކަނޑަންޖެހެނީ އެ ސޭލެއް ހެދި ކޭޝިއަރެއްގެ މުސާރައިން ކަމަށް ވެސް އިރުފާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ކޭޝްކާޑު ސެންޓަރުގެ ހެޑް މުހައްމަދު ޝަރީފް ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އެ ފަރާތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.