ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީގެ ސަޕޯޓަރުން ބަޑިބޭސް ބޭނުން ކުރުމުގެ ސަބަބުން ޔޫއެފާއިން އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު، އަމިއްލަ ދަނޑުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސިޓީން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ. އެ މެޗުގައި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ލަނޑުން ސިޓީ މޮޅުވީ، 1-0 ލަނޑުންނެވެ.

ޑި ބްރޭނާގެ ލަނޑަށްފަހު، ސިޓީގެ ސަޕޯޓަރުން އުފާފާޅުކުރަމުންދިޔަ ވަގުތު ބަޑިބޭސް ބޭނުންކުރުމުން ސްޓޭޑިއަމް ތެރެއިން ނޫ ކުލައިގެ ދުންތަކެއް އަރަމުންދިޔަ އެވެ.

"ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ، އިންގްލެންޑްގައި ކުޅުނު މެޗަށް ބަލާފައި ވާނީ ފިޔަވަޅު އަޅާފައި. ފިޔަވަޅު އެޅީ: މެންޗެސްޓާ ސިޓީން ބަޑިބޭސް ބޭނުން ކުރުމާ ގުޅިގެން، ޔޫއެފާ ޑިސިޕްލިނަރީ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން،" ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސިޓީގެ އިތުރުން ދެން ވާދަކުރާނީ، ސްޕެއިންގެ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ.