14 Apr 2016, 15:28
ވޮޝިންޓަން (އޭޕްރިލް 14): ޓައިމް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޝަހުސިއްޔަތަކަށް އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަމަށް ވާދަ ކުރައްވަމުން ގެންދަވާ ބާނީ ސޭންޑާސް ހޮވައިފި އެވެ.
ހަތްދިހަ ހަތަރު އަހަރުގެ ސޭންޑާސް އެ ލަގަބު ހޯއްދެވީ ދުނިޔޭގެ ގައުމުތަކުގެ އިސް ވެރިންނާއި، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރި ހޯއްދަވާފައިވާ ފަރާތްތަކާއި އެހެނިހެން ސަބަބުތަކަށްޓަކާ އާއްމުންގެ މެދުގައި މަގުބޫލު ގިނަ ބޭފުޅުންގެ މައްޗަށް ކުރި ހޯއްދެވުމަށް ފަހުގަ އެވެ.
ޓައިމް 100ގެ އެންމެ ނުފޫޒު ގަދަ ދިހަ ބޭފުޅުންގެ ތެރޭގައި، އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން، އަދި ނޮބެލް ސުލްހައިގެ އިނާމު ހާސިލު ކޮށްފައިވާ އަންގް ސަން ސޫޗީ ހިމެނެ އެވެ. މީގެ އިތުރުން އެ ލިސްޓުގައި ހިމެނޭ ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި، މަޝްހޫރު ފިލްމީ ތަރި އަދި ތިމާވެށި ހިމާޔަތް ކުރަން ގިނަގުނަ މަސައްކަތްތައް ކުރާ ލިއޮނާޑޯ ޑިކެޕްރިއޯ އާއި ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހިމެނެ އެވެ.
ޑިމޮކްރަޓިކް ޕާޓީގެ ގިނަ ޕްރައިމަރީތަށް ސޭންޑާސް އަށް ކާމިޔާބު ނުކުރެއްވުނު ނަމަވެސް، އޭނާ ގެންގުޅުއްވާ އާއްމުންނާ ގުޅޭ ސިޔާސަތުގެ ސަބަބުންނާއި މުސާރަ ދިނުމުގައި ދެޖިންސު ތަފާތު ނުކުރުމަށް ވަކާލާތު ކުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ސޭންޑާސްއަށް ތާއިދު ކުރާ ފަރާތްތައް މާގިނަ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓު ޓައިމް މެގަޒިން އިން އާއްމު ކުރާނީ މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. (ޓައިމްސް)