14 Apr 2016, 14:09
މާލެ އިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރުކުރަމުން ދިޔަ "ސްޕީޑް" ބޯޓު ގއ. ގެމަނަފުށި ނެރުމައްޗަށް އަރައި ބޯޓަށާއި ބޯޓުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ގެމަނަފުށި ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން މިއަދު ސަން އަށް ވިދާޅުވީ ބޯޓު ގެމަނަފުށީ ނެރުމައްޗަށް އަރާފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު، ބަނދަރަށް ވަންނަން އުޅެނިކޮށް ކަމަށެވެ.
ޝިޔާން ވިދާޅުވީ ބޯޓު ގެމަނަފުށްޓަށް ވަންނަން މަސައްކަތް ކުރީ އެ ރަށުގައި ވަރަށް ގިނަ އަދަދެއްގެ މުދާ ހުރުމުން ކަމަށެވެ. އަދި ބަނދަރަށް ވަނުމަށް ބޯޓަށް ދިމާކުރެވުނީ ނެރާ ދިމާލުން 100 ވަރަކަށް ފޫޓު ދުރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ނެރަކަށް ނޫން އަސްލު ދިމާކުރެވުނީ. ބޮއެ ވެސް އަޅާ ވަރަށް ރަނގަޅަށް ފާހަގަކޮށްފައި އޮންނަ ސަރަހައްދެއް މީ. އަނެއްކާ ބޮޑު ބަނދަރެއް ވެސް އޮންނާނެ. ނޭނގެ ދުވާލު ގަޑީގައި އަމުދުން މިކަހަލަ ހާދިސާއެއް ހިނގަން މެދުވެރިވީ،" ޝިޔާން ވިދާޅުވި އެވެ.
"ސްޕީޑް" ބޯޓުގެ ކައްޕި އަހުމަދު ރިޒާ ސަން އަށް ބުނީ ބޯޓު ނެރުމައްޗަށް އެރީ ގަލެއްގައި ޖެހިގެން ކަމަށާއި ބޯޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސީދާ ބުނަން ދަތި ކަމަށެވެ.
އެ ހާދިސާގައި ބޯޓުން ހަ ފޫޓު ވަރުގެ ތަންގަނޑެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި މިހާރު ފަޅައިގެން ދިޔަ ތަނުގައި ފިލާ ޖަހައި ލޮނު އެރުން ހުއްޓުވާފައިވާ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ހަ ފޫޓޫގެ ތަނެއް ފަޅައިގެން ދިޔަ ކަމަށް އަޑިއަށް ދިޔަ މީހުން ބަލާފައި ބުނީ. އަޅުގަނޑުމެންނަށް އަދި ނުފެނޭ،" ރިޒާ ބުންޏެވެ.
ނަމަވެސް ބޯޓު ފަޅައިގެން ގޮސް ލޮނު އެރުމުގެ ސަބަބުން ބޯޓުގައި އުފުލަމުން ދިޔަ 450 ބަސްތާ ކާޑު ވަނީ އެކީ ހަލާކުވެފަ އެވެ. އަދި އިންޖީނަށް ވެސް ލޮނު އެޅިފައިވާ ކަމަށްވެ އެވެ.
ބޯޓު ފަޅައިގެން ދިއުމާ އެކު، ގެމަނަފުށީ ރައްޔިތުންނާ ފުލުހުން އަދި ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން ދޯނި އަޑިއަށް ދިއުމުގެ ކުރިން ވަނީ ގެމަނަފުށީ ބަނދަރަށް ވައްދާފަ އެވެ. އަދި ދޯނީގައި ހުރި މުދާ މިހާރު ވަނީ ގެމަނަފުއްޓަށް ބާލާފަ އެވެ.
ކައްޕި ބުނީ ބޯޓު އެއްކޮށް މަރާމާތުކޮށް، އަލުން ދަތުރު ފެށުމަށް ދެތިން ދުވަސް ނަގާނެ ކަމަށެވެ.
ސްޕީޑު ބޯޓަކީ މިދިޔަ އަހަރުގެ ތެރޭގައި ވެސް ދާންދުއާއި ހަނޑަހާ ދެމެދު އޮންނަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ބޯޓެކެވެ. ފަރަށް އެރުމުން މަރާމާތު ކުރުމަށް ފަހު ބޯޓުގެ ދަތުރުތައް އަލުން ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގައި ކަމަށް މައުލޫމާތު ލިބެ އެވެ.