14 Apr 2016, 14:02
ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ މަލާވީ އަށް އާދަޔާ ހިލާފަށް ހޫނު ގަދަވެ، ކާބޯތަކެތީގެ ދަތިކަން ކުރިމަތުވުމުގެ ސަބަބުން ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު މަލާވީގެ ރައީސް ޕީޓާ މުތަރިކާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދަނޑުވެރިކަމުގެ މޫސުމާ ދިމާކޮށް ކުއްލި ހާލަތު އިއުލާނު ކުރައްވާ ކަމަށެވެ.
ހަމައެއާ އެކު، އެ ގައުމުގެ ޒުވާރީގެ އުފެއްދުންތެރިކަން 12 ޕަސެންޓަށް ދަށްވެފައިވާ ކަމަށާއި އެ ގައުމުގެ ރައްޔިތުން ކެއުމަށް އިތުރު އެއް މިލިއަން ޓަނުގެ ޒުވާރި ބޭނުންވާ ކަމަށް ވެސް ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އދ.ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަލާވީގެ އާބާދީގެ 2.8 މިލިއަން މީހުން ނުވަތަ 20 ޕަސެންޓް މީހުންނަށް ކާބޯތަކެތި ލިބުމުގެ ދަތިތަކާ ކުރިމަތިވެފައިވެ އެވެ. އަދި މި ދުވަސްކޮޅު ހޫނު ގަދަވުމުގެ ސަބަބުން ދެކުނު އެފްރިކާ އާއި އިރުމަތީ އެފްރިކާގެ 50 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް އދ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ޒިމްބާބްވޭ، ލެސޯތޯ، މޮޒަމްބިކް އަދި ޒަމްބިއާ ހިމެނެ އެވެ. އަދި މިފަހަރުގެ ހަނަފަސްކަމަކީ، ވޭތުވެ ދިޔަ 100 އަހަރު ދުވަސްތެރޭގައި ދެކުނު އެފްރިކާ އަށް ދިމާވި އެންމެ ނުރައްކާތެރި ހަނަފަސްކަމުގެ ތޫފާން ކަމަށް ދެކުނު އެފްރިކާ އިން ބުނެ އެވެ.