ސަތޭކަ ހަތްދިހަ ދަރިވަރުންނާއެކު، އެއްވަނަ ކިޑްސް ސްވިމިން ފެސްޓިވަލް އިއްޔެ ފަށައިފި އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކިޑްސް ސްވިމިން ފެސްޓިވަލް އިއްޔެ ފަށާފައިވަނީ މާލޭ ފަތާ ފެންގަނޑުގައެވެ.

ޖުމްލަ 15 ސްކޫލަކުން 81 އަންހެން ދަރިވަރުންނާއި 91 ފިރިހެން ދަރިވަރުން ބައިވެރިވެފައިވާ އެ ފެސްޓިވަލް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ސްވިމިން އެސޯސިއޭޝަން ބުނީ، ފުރަތަމަ ފަހަރަށް ކިޑްސް ސްވިމިން ފެސްޓިވަލެއް ބާއްވާފައި މިވަނީ ފެތުމުގެ ކުޅިވަރުތަކަށް ދަރިވަރުން ޝައުގުވެރި ކުރުވައި، ފަތަން ދަސްކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އިތުރަށް ހަރުލައްވައި، މަތީފެންވަރުގެ ފެތުމުގެ ތަމްރީނުތައް ވީހާވެސް ޅަ އުމުރުގައި ދަރިވަރުންނަށް ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ފެސްޓިވަލް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި 10 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ރޫހުގެ ބަދަލުގައި ވީހާ ވެސް ގިނަ ދަރިވަރުންނަށް ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ކުރުން ހިމެނޭ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.

ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތް ފެށުމުގެ ކުރިން ކިޑްސް ސްވިމިން ފެސްޓިވަލް ބާއްވަން ހަމަޖައްސައި އެކަމަށް ސްވިމިން އެސޯސިއޭޝަނުން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ތެރޭގައެވެ. އެގޮތުން ސްކޫލުތަކަށް ފުރުސަތު ހުޅުވާލައި، ސްކޫލުތަކުން ދަރިވަރުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

ކިޑްސް ސްވިމިން ފެސްޓިވަލްގައި 25 މީޓަރު އަދި 50 މީޓަރުގެ ފްލަޓާކިކް ޖެހުމުގެ ރޭސްތަކާއި، 25 މީޓަރުގެ ފްރީ ސްޓައިލް އާއި، 25 މީޓަރު ބެކްސްޓްރޯކް އާއި، 25 މީޓަރު ބްރެސްޓްސްޓްރޯކް އަދި 25 މީޓަރު ބަޓަފްލައިގެ ރޭސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ހަތަރު ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭ ރޭހާއި ހަތަރު ގުނަ 25 މީޓަރު މިކްސް ރިލޭ ރޭސްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފެސްޓިވަލުގައި ހަ އަހަރުން ދަށާއި، އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ކިޑްސް ސިވިމިން ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އައްޑޫ ސިޓީ ކިޑްސް ސްވިމިން ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 9 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.