މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ "ސަން" އަށް މިއަދު ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިދިޔަ މަހުގެ ނިޔަލަށް ހަމަވެފަ އެވެ.

ކުޅިވަރު ގާނޫނުގައި ބުނެފައި ވަނީ ބިލު ފާސްވެ ގާނޫނަކަށް ވުމުން 90 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް އައްޔަންކުރަން ޖެހޭނެ ކަމަށެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސް އަށް މީހަކު އައްޔަން ކުރާ އިރު އެ މީހާގެ މަސްއޫލިއްޔަތުގެ ތެރޭގައި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވާން ޖެހެ އެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސްގެ ބާރުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބު ޖަމިއްޔާތަކާއި އެތަންތަނުގެ މެމްބަރުންގެ ދަފްތަރަށް ސައްހަނޫން މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ މައްޗަށް ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ އެވެ.

އަދި އެ ގާނޫނުގެ ދަށުން އަލަށް އައްޔަން ކުރެވޭ ކޮމިޝަނަރު އޮފް ސްޕޯޓްސް އައްޔަންކުރުމަށް ފަހު އެއްވެސް ސަބަބަކާހުރެ އެ މަގާމު ހުސްވެފައިވާ ނަމަ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އެހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ. އަދި ކޮމިޝަނަރު އޮފް ސްޕޯޓްސްގެ މަގާމުގައި ހުރި ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ ވެސް 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހެ އެވެ.

ކޮމިޝަނަރު އޮފް ސްޕޯޓްސްއެއް މި ގާނޫނުގެ ދަށުން އައްޔަންކުރާ އިރު ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހެއް އުފައްދަން ޖެހެ އެވެ.