ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ރަންބީރު ކަޕޫރް އަދި ދީޕިކާ ޕަދުކޯން އަކީ ހިންދީ ސިނަމާގައި އެންމެ ގުޅޭ ޖޯޑު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުން ފެންނަ "އޮން ސްކްރީން ކެމިސްޓްރީ" ބެލުންތެރިންނަށް ވަރަށް ކަމުދެ އެވެ.

އޭގެ އިތުރުން ޚުދު ދީޕިކާ ވެސް ވަނީ ރަންބީރު އާ އެކު އެކްޓުކުރަން ވަރަށް ފަސޭހަކަމަށް ބުނެފަ އެވެ.

ދީޕިކާ އަދި ރަންބީރު އެކުގައި ފިލްމަކުން ފެންނާނެ ކަމުގެ އުންމީދުގައި ތިބި ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.

ބޮލީވުޑުގެ ކާމިޔާބު ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ޑައިރެކްޓަރު އާޔަން މުކަރުޖީގެ ކުރިއަށް އޮތް ފިލްމުން ދީޕިކާ އަދި ރަންބީރު ފެންނާނެ ކަމަށް ރިޕޯޓުތައް މިވަނީ ބުނެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ރިލީޒްކުރި އާޔަންގެ "ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ލީޑު ރޯލުންވެސް ފެނިގެން ދިޔައީ ދީޕިކާ އަދި ރަންބީރު އެވެ. ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެ ފިލްމުގެ ލީޑު ރޯލުން ރަންބީރު ފެންނާނެކަން ޔަގީންވެފައިވާ އިރު، އާޔަން މިހާރު އަންނަނީ ދީޕިކާއާ ވާހަކަ ދައްކަމުންނެވެ.

ދީޕިކާ ފިލްމަށް އެއްބަސްވާ އިރަށް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މިހާތަނަށް ތިން ފިލްމަކުން ރަންބީރު އަދި ދީޕިކާ އެކުގައި ފެނިގެން ގޮސްފައިވެ އެވެ. އެއީ 2008 ވަނަ އަހަރު ނުކުތް "ބަޗްނާ އޭ ހަސީނޯ"، 2013 ވަނަ އަހަރު ނުކުތް "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި މިދިޔަ އަހަރު ނުކުތް "ތަމާޝާ" އެވެ.

ފިލްމު، "ބަޖިރާއޯ މަސްތާނީ" އަށް ފަހު ދީޕިކާ މިހާރު އަވަދިނެތި އުޅެނީ އޭނާ ކުޅޭ ފުރަތަމަ ހޮލީވުޑް ފިލްމު، "3 އެކްސް: ދަ ރިޓާންސް އޮފް ޒެންޑާ ކޭޖް"ގެ ޝޫޓިންތަކުގަ އެވެ. ވިން ޑީސަލްއާ އެކު ފެނިގެންދާ އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ރަންބީރު ކަޕޫރު މިހާރު ވެސް އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެންމެ އަވަހަށް ސްކްރީނަށް އަންނާނީ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އާއެކު ފެނިގެންދާ ޖައްގާ ޖާސޫސް އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި މި އަހަރުގެ ފަހުކޮޅު ރަންބީރުގެ އިތުރު ފިލްމެއް ކަމަށްވާ "އޭ ދިލް ހޭ މުޝްކިލް" ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން އާލިއާ ބަޓް އާ އެކު އާޔަން މުކަރުޖީގެ 'ސުޕަހީރޯ' ފިލްމެއްގެ މަސައްކަތް ވެސް ރަންބީރު އަންނަނީ ކުރަމުންނެވެ.