ލީޑިންގު ޓީޗަރަކު ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، ލީޑިންގު ޓީޗަރަކު ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަލަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭތުން ހއ.ހޯރަފުށީ ގައި ހުންނަ އަތޮޅު މަދަރުސާގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެ ސުކޫލްގެ ގުރޭޑު ދޭއްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ލީޑީންގު ޓީޗަރަކު އަނިޔާ ކުރި ކަމަށްބުނެ އެ ކުއްޖާގެ ބެލެނިވެރިޔާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސުކޫލުން ބެލި ބެލުމުން، އެއްވެސް ޓީޗަރަކު އަދި ސްޓާފަކުވެސް އެ ކުއްޖާ އަށް އަނިޔާ ކުރި ކަމަކަށް ނުބެލެވޭ ކަމަށް އެ ސުކޫލްގެ އޮފިޝަލް ވިދާޅުވި އެވެ.

"ޓީޗަރާއި ދަރިވަރުންނަށް އުނދަގޫކޮށް އުޅޭތީ ލީޑިންގު ޓީޗަރު އެ ކުއްޖާ ލީޑިންގު ޓީޗަރުގެ ކޮޓަރިއަށް ގެންދިޔައީ. އެކަމަކު ލީޑީންގު ޓީޗަރު އަނިޔާ ކުރި ކަމަކަށް ފަގަހަ އެއް ނުކުރެވޭ،" ހއ. އަތޮޅު މަދަރުސާގެ އޮފިޝަލް ވިދާޅުވި އެވެ.