ދުނިޔޭގެ އެންމެ ބޮޑު އެއް ސީޕްލޭންސް އޮޕަރޭޓަރުގެ މަގާމު ހޯދާފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ރާއްޖެ އަށް އަލަށް، ފުލް އެއާކޯން ލަގްޒަރީ ސީޕްލޭން އިފްތިތާހުކޮށްފި އެވެ.

މީގެ ކުރިން ޓީއެމްއޭ އިން ބޭނުންކުރަމުން އައި ސީޕްލޭންތަކާ ހިލާފަށް، އެ ސީޕްލޭންގައި ހިމެނޭނީ އަށް މީހުންގެ ޖާގަ އެވެ. ނަމަވެސް ކުރީގެ ސީޕްލޭންތަކުގައި 15 މީހުންގެ ޖާގަހުރެ އެވެ. އެގޮތުން މިއަދު ތައާރަފުކުރި ސީޕްލޭންގެ ގޮނޑިތައް ބޮޑުވެފައި "އަރާމު" ވާނެ ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

އެއާޕޯޓް ޓީއެމްއޭ ޓާމިނަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސީޕްލޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، ދުވަހަކަށް ފަހު ދުވަހެއް ޓީއެމްއޭގެ ހިދުމަތްތައް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް މިއަދު އަނެއްކާ ވެސް ބޮޅެއް އިތުރުވީ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެ ކުންފުނިން އާ ހިދުމަތްތަކާ އެކު "ކަސްޓަމާ އެކްސްޕީރިއަންސް" މިހާރަށް ވުރެ ވެސް ރަނގަޅުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ތައާރަފްކުރި ސީޕްލޭނާ އެކު އެ ކުންފުނީގެ ސީޕްލޭންގައި ކަސްޓަމަރުން ކުރާ ތަޖުރިބާ ރަނގަޅުވާނެ ކަމަށެވެ. އަދި ޑިމާންޑަށް ބެލުމަށް ފަހު ކުރިއަށް އޮތްތާގައި ލަގްޒަރީ ސީޕްލޭންތައް އިތުރުކުރާނެ ކަމަށް ވެސް ސީއީއޯ ފައުޒީ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، ސީޕްލޭން އޮޕަރޭޓްކުރާ ޓީއެމްއޭ އަކީ މިއަދު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"ބައެއްމީހުން އެބަ އާދޭ ރިސޯޓަކަށް ދިއުމުގެ ބަދަލުގައި ހަމައެކަނި ސީޕްލޭން އެކްސްޕީރިއަންސް ކޮށްލަން ވެސް. މިސާލަކަށް މީޓިންއަކަށް އަންނަ ބައެއް ސީޕްލޭން އޮޕަރޭޓްކުރަން ބޭނުންވޭ، އެހެންވީމަ ހަމައެކަނި މީހުން އުފުލުގެ ބަދަލުގައި މިއީ ހަމަ އަޅުގަނޑުމެންގެ ޓޫރިޒަމް މާކެޓިން ޓޫލްއެކޭ ވެސް ދެންނެވިދާނެ،" އާދިލް ވިދާޅުވި އެވެ.

ޓީއެމްއޭ އިން ބުނީ މިއަދު ތައާރަފްކުރި ސީޕްލޭން ބޭނުންކުރުމަށް އަދި ހަމަޖެހިފައި ވަނީ ޗާޓާޑް ފްލައިޓެއްގެ ގޮތުގައި ކަމަށެވެ.