04 May 2011, 15:19
މިދިޔަ ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ ނަމުގައި ބޭއްވި މުޒާހަރާގައި ބޮޑެތި އަނިޔާތަކެއްވި އުމުރުން ދުވަސްވީ މީހަކު އެރޭގެ ފަހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ފުލުހުން ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީ ބުނެފައިވީ ނަމަވެސް އެފަދަ މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވީ ޒުވާނުންގެ ނަމުގައި ކުރަނީ މުޒާހަރާ ނޫން ކަމަށާއި ހިންގަނީ މާރާމާރީތަކެއް ކަމަށެވެ. އަދި ހޯމަ ދުވަހުގެ މުޒާހަރާގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކަށް އަނިޔާވި ކަމަށް ފާހަގަ ކުރައްވަމުން ނައީމް ވިދާޅުވީ މުޒާހަރާގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކު އެރޭގެ ފަހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ފިރިހެނެކެވެ.
"އެނގިވަޑައިގަންނަވާނެ ރޭގެ އެ ހާދިސާގައި އުމުރުން ދޮށީ މީހަކަށް ވަރަށް ބޮޑެތި އަނިޔާތަކެއްވި. އަދި ފަހުގެ ވަގުތެއްގައި ދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރި ކަމުގެ ހަބަރު ވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ނައީމް ވިދާޅުވި އެވެ. "އެއްބަޔަކު ބުނަނީ އެ ހާދިސާގެ ތެރޭގައި ދިމާވި ކަމަކުން ވީ ގޮތެވޭ އަނެއް ބަޔަކު ބުނަނީ ނޫނެކޭ އޭނައަށް ހާޓްއެޓޭކެއް ޖެހުނިއްޔޭ. އެކަމަކު އެއީ ކަށަވަރު ކުރަންޖެހޭ ކަމެއް."
ނައީމް ވިދާޅުވީ މަރާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފުލުހުން މެދުވެރިކޮށް ކުރަމުންދާނެ ކަމަށެވެ. އަދި އޭގެ ތަފްސީލް މިހާތަނަށް ހޯމް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޭގަ ހިނގައިދިޔަ ހާދިސާއެއް. އެކަންތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ހިނގަމުންދާނެ،" ނައީމް ވިދާޅުވި އެވެ.
އެކަމަކު ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މުޒާހަރާގައި އަނިޔާވެ އެރޭގެ ފަހުގެ ވަގުތެއްގައި މަރުވި ކަމަށް ބުނާ މީހެއްގެ މައްސަލަ ބަލަމުން ނުދާ ކަމަށެވެ. އަދި އެފަދަ ރިޕޯޓެއް ވެސް ފުލުހުންނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.