14 Apr 2016, 12:26
ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރަށް ފަސް ދުވަހުގެ ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ވިސާމާއި ލީވާން ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ 7:45 އެހައިކަންހާއިރު ފުލުހުންނާއި ސިފައިން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ގައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ ގައިގައި ވިސާމް ފަހަތުން ބައްދާލުމަށްފަހު ފަހަތައް ދަމާފައިވާ ކަމަށެވެ. އަދި ފުލުހުން ހައްޔަރުކުރަން އުޅުނު މީހާގެ ގައިން ލީވާން ކޯޕްރަލް ޝާހީންގެ އަތް ނައްޓާލާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.
އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުން އެ ދައުވާއަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އަދި އެ ދައުވާ އަށް ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ އެއް އަހަރަށް ޖަލަށްލުމެވެ.