14 Apr 2016, 12:10
ޕްރިޔަންކާ ޗޯޕްރާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް އޭނާގެ ކުރީގެ މެނޭޖަރު ޕްރަކާޝް ޖާޖޫ ބުނުމާ އެކު ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެން ދިޔަ އެވެ.
ޖާޖޫ ބުނީ ޕްރިޔަންކާގެ ކެރިއަރުގައި އައި އެންމެ ދަތި ދުވަސްތަކުގައި އޭނާ ދެތިން ފަހަރެއްގެ މަތިން އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ކަމަށާއި ކޮންމެ ފަހަރަކު ވެސް އެތަން ފެނިގެން ހުއްޓުވީ ޖާޖޫ ކަމަށެވެ.
ޖާޖޫގެ ވާހަކަތަކާ ގުޅިގެން ޕްރިޔަންކާ އޭރު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ޕްރިޔަންކާ މިހާރު ވަނީ ޖާޖޫގެ ވާހަކަތަކަށް ރައްދު ދީފަ އެވެ. ޕްރިޔަންކާ ބުނީ އެއީ ޖާޖޫ ހަދައިގެން ދައްކާ "ބުހުތާނު" ދޮގު ކަމަށެވެ.
"ފުރަތަމަ ކަމަކަށް ވެސް ވަރަށް ހިތާމަކުރަން އަހަންނަށް ފުރައްސާރަކޮށްގެން ޖަލަށް ލާފައި ހުރި މީހަކު ދެއްކި ވާހަކައެއް އިންޑިއާގެ މީޑިއާތަކުން ގަބޫލުކުރީތީ. އެއްވެސް ވަރަކަށް އެވާހަކަ ދެއްކި މީހާގެ ފަތިފުއް ބަލާފައެއް ނެތް. އަހަރެން ދައްކާނެ އެއްވެސް ވާހަކައެއް ނެތް. އެއީ މީޑިއާއިން އެވަރުގެ މީހަކު ދެއްކި ވާހަކަތައް ގަބޫލު ކުރީތީ،" ޕްރިޔަންކާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ޕްރިޔަންކާ ވަނީ "ބާލިކާ ވަދޫ"ގައި އަނަންދީގެ ރޯލުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ ޕްރިތިޔޫޝާ ބެނާޖީ އަމިއްލައަށް ދަންޖެހިގެން މަރުވި މައްސަލައިގައި ވެސް މީހުން ތަފާތު ވާހަކަތައް ދައްކާތީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. ޕްރިޔަންކާ ބުނީ އެއްވެސް މީހަކަށް ޕްރިތިޔޫޝާ އެކަން ކުރަން މަޖުބޫރުވީ ކީއްވެކަން ނޭނގޭނެ ކަމަށެވެ.