ގިނަ އިމާރާތްތަކެއް ކުރަމުންދާތީ ފެނުގެ ޑިމާންޑް ބޮޑުވެ މަތީ ފަންގިފިލާތަކަށް ކުރިއަށް އޮތްތަނުގައި ޕްރެޝަރުގައި ފެން ނުލިބިދާނެތީ ބާރު ސްޕީޑުގައި ފެން ފޮނުވުމަށްޓަކައި އިމާރާތްތަކުގައި "ބޫސްޓާ ސިސްޓަމް" އަމިއްލައަށް ހަރުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިލްތިމާސްކޮށްފި އެވެ.

އީޕީއޭ ގަވައިދު ބުނާ ގޮތުން މާލޭގެ ހަތަރުވަނަ ފުލޯއިން މަތީ އިމާރާތްތަކަށް ފެން ފޯރުކޮށްދިނުމަށް ބޫސްޓާ ސިސްޓަމްތައް ގާއިމް ކުރަންޖެހެ އެވެ. އެސިސްޓަމަކީ މަތީ ފުލޯތަކަށް ޕްރެޝަރުގައި ފެން ފޯރުކޮށްދޭ ނިޒާމެކެވެ.

އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު "ސަން"އަށް ވިދާޅުވީ ހަތަރު ވަނަ ފުލޯއިން މަތީ ބުރިތަކަށް ފެންފޯރުކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށާއި އެހެން ނޫން ނަމަ ކުރިއަށް އޮތްތަނުގައި އެއަށްވުރެ މަތީ ފުލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށެވެ.

މާލޭގެ ފެނުގެ ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުން ދާތީ ކުރިއަށް އޮތްތަނުގައި މިހާރު މި ދޫކުރާ ޕްރެޝަރުގައި ފެން ދޫކުރުމުން މަތީ ފުލޯތަކަށް ފެން ނުލިބުން އެކަށީގެންވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

"މިހާރު ހުރެދާނެ އަޅުގަނޑުމެން މިދޭ ޕްރެޝަރުގައި ހަ ވަނަ ފަންގިފިލާއަށް ފެން ލިބޭ ފުލޯތަކެއް ވެސް، އެކަމަކު ކުރިއަށް އޮތްތަނުގައި ޑިމާންޑަށް ބަލައި އެކަށީގެންވާ ހަ ވަނަ ފެން ނާރާ ފަސް ވަނަ ފުލޯ އާއި ހަމައަށް ފެން އެރުމުގެ ފުރުސަތު ވެސް އޮވެދާނެ،" ފަޒުލް ވިދާޅުވި އެވެ.

ބޫސްޓާ ސިސްޓަމް ބަހައްޓައިދިނުމަކީ އެމްޑަބްލިޔުއެސްސީ ދެމުން އަންނަ ހިދުމަތެކެވެ. އިންސްޓޯލްމަންޓަށް ވެސް އެ ކުންފުނިން އެހިދުމަތްދެ އެވެ.

ފެނުގެ ހިދުމަތް އަޕްގުރޭޑް ކުރުމަށް މި ދޭތެރެއަކުން ވެސް ފެނުގެ ޕްރެޝަރު ދަށް ކުރުމާއެކު ބޫސްޓާ ސިސްޓަމް ހަރުނުކޮށް ހުރި މަތީ ފުލޯތަކަށް ވަނީ ފެނުގެ ހިދުމަތް މެދުކެނޑިފައެވެ.