04 May 2011, 15:11
ކޮފީއެއް ބޯލަން އުޅޭ ކޮންމެ ފަހަރަކު ގިނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ ގެންނަތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮފީތަށި ހިހޫވުމެވެ. އެންމެ ޒަމާނީ ކޮފީމޭކަރުތައް ބޭނުންކޮށްގެން ކޮފީ ހެދިޔަސް އެކަމުގައި ތަފާތެއް ނުވެއެވެ.
ކޮފީމޭޒުގައި ތިބެގެން މުޅި ގައުމުގައި ހިނގާ ހުރިހާ ކަމަކާ މެދު ވާހަކަ ދައްކާލަން ބޭނުންވާ ޒުވާނުންނަށް މިހާރު ވަނީ އުފާވެރި ހަބަރެއް ލިބިފަ އެވެ. އެމީހުންގެ ކޮފީތަށި އަވަހަށް ހިހޫވުމުގެ މައްސަލައަށް މިހާރު ވަނީ ރަނގަޅު ހައްލެއް ލިބިފައެވެ.
އައު އުފެއްދުންތައް އުފެއްދުމުގެ ޝައުގު ހުންނަ އެމެރިކާގެ ދެ ޒުވާނުން ކަމށްވާ ޑޭވް ޕެޓްރިލޯއާއި ޑޭވިޑް ޖެކްސަން ވަނީ " ކޮފީޖޫލީސް" ނަމަކަށް ކިޔާ ސްޓެއިންލެސް ސްޓީލް އޮށްތަކެއް ތައްޔާރުކޮށްފަ އެވެ. ކޮފީބީންސްގެ ބައްޓަމަށް ހުންނަ ކޮފީޖޫލީސް އަކީ ކޮފީތަށީގެ ހޫނުކަން ފަސް ގަޑިއިރަށް ދަމަހައްޓައިދޭ އުފެއްދުމެކެވެ.
ކޮފީތަށްޓަށް ކޮފީޖޫލީސް ވައްޓާލުމުން ފުރަތަމަ ކުޑަކޮށް ހިހޫވެ އެވެ. ނަމަވެސް އެއީ ހިހޫ ވެގެން ކަމުނުދާ ވަރަކަށް ނޫނެވެ. ކޮފީ ޖުލީސް އަޅާފައިވާ ކޮފީތަށި ބުއިމަށް ފަސޭހަ ވަރަކަށް ހޫނު މަޑުވެލުމަށް ފަހު ފަސްގަޑިއިރު ވަންދެން ވެސް އެއް ހޫނު މިނެއްގައި ދަމަހައްޓަނީ ކޮފީޖޫލީސްގައި އެކުލެވޭ ހާއްސަ މާއްދާއެއްގެ ސަބަބުންނެވެ.
ކޮފީ ޖޫލީ އުފެއްދި މީހުން ބުނަނީ އޭގެ އެތެރޭގައި އެކުލެވޭ މާއްދާއަކީ 140 ޑިގްރީ ސެލްސިއަސްގެ ހޫނު މިނެއްގައި ނޫނީ ނުވިރޭ، އަދި ވަރަށް ގިނަ ހަކަތަ އެއަށް ދަމައިގަންނަ މާއްދާއެކެވެ.
ކޮފީތަށު ފުރަތަމަ ކޮންމެވެސް ވަރަކަށް ހިހޫ ވަނީ އޭގައިވާ މާއްދާއަށް ހޫނު ދެމުމުގެ ސަބަބހުންނެވެ. އަދި އެއަށް ފަހު ކޮފީތަށީގެ ހޫނުކަންނ ދަމަހައްޓައިދެނީ އެދެމި ހަކަތައިގެ އެހީގައެވެ.
ސްޓެއިންލެސް ސްޓީލުން ވަރަށް ރީތިކޮށް ހަދާފައިވާ ކޮފީޖޫލީސް ވަރަށް އަވަހަށް އެމެރިކާގެ ފިހާރަތަކުން ވިއްކަން ފެށުމަށް އުއްމީދުކުރާ ކަމަށް އެ އުފެއްދި ފަރާތްތަކުން ބުނެއެވެ.