ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޕޯޗުގަލްގެ ބެންފީކާ އަތުން އެއްވަރުވެ، އެގްރިގޭޓުން ބަޔާން މިއުނިކް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބެންފީކާގެ ދަނޑުގައި ރޭ ކުޅުނު މެޗު، ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. ބަޔާން ސެމީއަށް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގާޓުންނެވެ. ބަޔާންގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު މެޗުން ބަޔާން މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

މެޗުގެ ކުރީކޮޅު ބަޔާންއިން ނުރައްކާކޮށްފައިވެ އެވެ. އަރަމަތިން ބަޔާންގެ ޑުގްލަސް ކޮސްޓާ ނަގައިދިން ނުރައްކާތެރި ހުރަސް، ބެންފީކާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި، ތޯމަސް މުލާއަށް ލިބުމުގެ ކުރިން ޑިފެންޑަރު ޖާޑެލް ވަނީ ދިފާއުކޮށްފަ އެވެ.

ބެންފީކާގެ ޓަލިސްކާ ފޮނުވާލި ހަމަލާ ބަޔާންގެ ގޯލަށް ވަންނަނީ: ބަޔާން ސެމީއަށް ދިޔައީ އެގްރިގޭޓުން -- ފޮޓޯ: އޭޕީ

މެޗުގެ 27 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި، ލީޑު ހޯދީ ބެންފީކާ އިންނެވެ. ޕޯޗުގަލް މިޑްފީލްޑަރު އެލިސެއު ޕެރޭރާ ނަގައިދިން ހުރަހަކުން ބެންފީކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެކްސިކޯ ފޯވަޑް ރައުލް ޖިމެނޭޒް އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ޖިމެނޭޒް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން ބެންފީކާއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖިމެނޭޒް އުފެއްދި ހަމަލާ، ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ބަޔާންއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބަޔާންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޗިލީ މިޑްފީލްޑަރު އާޓުރޯ ވިޑާލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބަޔާންއިން ނެގި ހުރަހަކުން ބެންފީކާގެ ޑިފެންޑަރުންނަށް ރަނގަޅަށް ސާފު ނުކޮށްލެވި، ލިބުނު ބޯޅައިންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލަނޑެއްޖަހައި، ލީޑު ފުޅާކޮށްފަ އެވެ. ބަޔާންއަށް ލިބުނު ކޯނަރަކުން ޒަބީ އަލޮންސޯ ނަގައިދިން ހުރަހަކުން ޖަވީ މާޓިނޭޒް ދިން ބޯޅައަކުން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ.

ބެންފީކާ ކޮޅަށް ލަނޑުޖެހުމަށްފަހު، މުލާ (މ) އުފާފާޅުކުރަނީ: ބަޔާން ސެމީއަށް ދިޔައީ އެގްރިގޭޓުން -- ފޮޓޯ: އޭޕީ

މެޗުގެ 60 ވަނަ މިނެޓުގައި ބަޔާންއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެން ދިޔަ އެވެ. ބެންފީކާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު، ޑުގްލަސް ކޮސްޓާ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ބެންފީކާ އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަންދްރޭ އަލްމޭޑާއަށް ލިބުނު ބޯޅައަކުން 35 ޔާޑު ދުރުން ފޮނުވާލި ހަމަލާ، ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ބެންފީކާއިން ވަނީ ލަނޑެއްޖަހައި، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ގޮންކާލޯ ގުއޭޑެސްއަށް މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ބެންފީކާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޓަލިސްކާ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.

ބަޔާންއާއެކު ދެން ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑް އަދި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އެވެ.