14 Apr 2016, 10:26
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުން ލިބޭ ޕެންޝަން ފައިސާ ދިނުމުގައި ހަމަޖެހޭ އުސޫލުތަކެއް ގާއިމުކުރަން ޖެހޭ ކަމަށް މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި އާއްމު ރައްޔިތަކު އެ ކޮމެޓީ އަށް ފޮނުވި ސިޓީއަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ދައުލަތަށް 20 އަހަރު ދުވަހު ހިދުމަތް ކޮށްފައިވާ މީހަކަށް ޕެންޝަން ފައިސާގެ ގޮތުގައި 200 ރުފިޔާ ލިބޭ މީހަކާއި 900 ރުފިޔާ ލިބޭ ފަރާތްތައް ހިމެނޭ ކަމަށެވެ.
"ދައުލަތުންދޭ އެއްޗެއް ޕެންޝަނަކީ. އެ ދޭ އިރުގައި ކޮންމެވެސް ކަހަލަ ހަމަޖެހޭ އުސޫލެއްގެ ތެރެއިން މިކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް. މިސާލަކަށް މިއަދު 65 އަހަރު މީހުންނަށް އެބަދޭ 5000 ރުފިޔާ. އެއީ މިއަދުގެ ކަންކަމަށް ބަލާ އިރު މީހެއްގެ ދިރިއުޅުމުގެ ކަންކަން ފުއްދިދާނެ އެއްޗެއް. އެހެންނަމަވެސް 20 އަހަރު ދުވަހު ސަރުކާރަށް ހިދުމަތް ކުރެއްވި ބައެއް މީހުންނަށް 260 ރުފިޔާ ލިބޭ މީހުން އެބައުޅޭ. ޕެންޝަން ގާނޫނުގެ ދަށުން. 900 ރުފިޔާ ލިބޭ މީހުން އެބަތިބި. އެހެންވީމަ މި ޕެންޝަން ދެނީ ކޮން އުސޫލެއްގެ ދަށުން ކަމަށާއި ކިތައް ވައްތަރުގެ ޕެންޝަން މީހުންނަށް ލިބޭތޯ އެބަޖެހޭ މައުލޫމާތު ސާފުކުރަން،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ޑަބަލް ޕެންޝަނުގެ ގޮތުގައި ވެސް އެތައް ބަޔަކަށް މިހާރު ވެސް ދައުލަތުން ޕެންޝަން ފައިސާ ދެމުން އަންނަ ކަމަށެވެ. އެހެންކަމުން ޑަބަލް ޕެންޝަން ދެމުން ދަނީ ކިތައް މީހުންނަށްތޯ ސާފުކުރަން ޖެހޭ ކަމަށެވެ.
"މިސާލަކަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު އެމްއެމްޑީއެފްގައި މަސައްކަތް ކުރެއްވުމަށް ފަހު މަޖިލީހަށް ވަޑައިގަތީ. ހުންނަވާއިރުގައި މަޖިލީހުގެ މުސާރަ ވެސް މަޖިލީހުގެ ކޮމެޓީ އެލަވަންސް ވެސް ލިބިވަޑައިގަންނަވާ އަދި ރިޓަޔާ ކުރެއްވީމަ އެ ވެސް އެބަ ލިބިވަޑައިގަންނަވާ. އަދި މި މަޖިލީހުގައި އުޅުއްވާ މެމްބަރުންނަށް އެބަ ލިބިވަޑައިގަންނަވާ ކަމަށް ވަނީ ކުރިން ސަރުކާރުގައި އެބޭފުޅުން ހިދުމަތް ކުރެއްވީތީ ލިބޭ ފައިސާ. މިސާލަކަށް މަޖިލީހުގެ ރައީސް މަސީހު، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ). ކޮންމެ ވެސް އެއްޗެއް އެބަ ލިބިވަޑައިގަންނަވާ،" ރިޔާޒު ވިދާޅުވި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު ވިދާޅުވީ 40 އަހަރު ދައުލަތަށް ހިދުމަތް ކޮށްފައި ހުރި މީހަކަށް ލިބެން ޖެހޭނީ ހަމައެކަނި 65 އަހަރުވުމުން ލިބޭ 5000 ރުފިޔާ ނޫން ކަމަށެވެ. އަދި ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުން ލިބެން ޖެހޭ ފައިސާ ވެސް އެ މީހަކަށް ލިބެންޖެހޭނެ ކަމަށެވެ.
"ފަސްހާސް ރުފިޔާ ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް 65 އަހަރުވީމަ. ލިބެންޏާ އެ 40 އަހަރު ހިދުމަތް ކުރި މީހާ އަށް ލިބެން ޖެހޭ 2000 ރުފިޔާ ނޫނީ 1000 ރުފިޔާ ދިނުމަކުން ކޮބައިތޯ މިކަމުގައި ގޯހެއް،" ގަފޫރު ވިދާޅުވި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ 5000 ރުފިޔާ އަށް ވުރެ ދަށްކޮށް މީހަކަށް ޕެންޝަން ފައިސާއެއް ލިބޭ ކަމަށްވާ ނަމަ އެ ފައިސާ ކަނޑަމުންދާ ކަމަށެވެ. ނަމަވެސް އެއަށް ވުރެ ގިނައިން ޕެންޝަން ފައިސާ ލިބޭ ފަރާތްތައް ވެސް އެބަ ތިބި ކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އެފަރާތްތަކަށް ލިބޭ އެއްވެސް ފައިސާއެއް ކެނޑެމުން ނުދާ ކަމަށެވެ.
"މަދުން ލިބޭ މީހާގެ އެތިކޮޅު [ޕެންޝަން ފައިސާ] ކެނޑިފައި 5000 ރުފިޔާ އަށް ވުރެ މަތީން ލިބޭ މީހުންނަށް ލިބެމުން އަންނަ ޕެންޝަން އެބަ ލިބޭ. އެހެންވީމަ އެއީ ރަނގަޅު އުސޫލުތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ،" އިބޫ ވިދާޅުވި އެވެ.