14 Apr 2016, 10:15
ދިވެހިރާއްޖެ އާއި އިންޑިއާގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި އެވެ.
ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވަނީ، އިންޑިއާ އިން ދިވެހި ރާއްޖެ އަށް އަލަށް ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒާ، ކެޕްޓަން ޕްރަޝާން ހާންޑޫ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އަރިހަށް އިއްޔެ ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މި ހަފްތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސަވަރާޖު އާ ބައްދަލު ކުރައްވައި ވެސް ވަނީ ދެ ގައުމު ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ހަމައެއާ އެކު، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.