ރިޔާޒް (އެޕްރީލް 14) : ސައޫދީ އަރަބިޔާގެ ދީނީ ފުލުހުންގެ މުއައްސަސާ ކަމަށްވާ "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" އަށް ދީފައިވާ ހުރިހާ ބާރުތަކެއް ނެގުމަށް ސައޫދީ ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ސައޫދީ ރަސްމީ ނޫސްއެޖެންސީން ބުނީ "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" އަށް ދީފައިވާ މީހުންނާ ސުވާލުކުރުމާއި މީހުން ހައްޔަރުކުރުމާއި އެނޫން ވެސް ހުރިހާ ގާނޫނީ ބާރުތަކެއް އެމުއައްސަސާއިން ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަން ސައޫދީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކަށް އަންގާފައިވާ ކަމުގަ އެވެ. "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" އަކީ ސައޫދީ ބަނގުރާ ބޯމީހުން ނާއި ރޮކްމިޔުޒިކް ކުޅޭ މީހުންނާއި ބުރުގާ ނާޅާ އަންހެނުންނާއި ނަމާދުވަގުތަށް ފިހާރަތައް ބަންދުނުކުރާ މީހުން ފަދަ މީސް މީހުންގެ ހަރަކާތްތަކަށް ފާރަލައި އެފަދަ މީހުން ހައްޔަރުކުރުން ފަދަ ކަންތައްތައް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން ގެންދާ މުއައްސަސާއެކެވެ.

އެމުއައްސަސާގެ އަމަލުތައް ހުންނަ ހަރުކަށި ގޮތްތަކުގެ ސަބަބުން ސައޫދީ ފުލުހުންގެ މުއައްސަސާފަދަ ސައޫދީ އެހެން މުއައްސަސާތަކާ ވެސް ވަރަށް ގިނަފަހަރު އަރާރުންތައް އުފެދި މައްސަލަތައް ޖެހިފައިވެ އެވެ. އަދި ބުރުގާ ނާޅާއަންހެނުން އަތުލައި ގަތުމަށް ޓަކައި އެމީހުން ފަހައި ދުވުންފަދަ އޮޕަރޭޝަންތައް އެ މުއައްސަސާ އިން ހިންގުމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓްތައް ހިނގައި ބައެއްމީހުން މަރުވެ އަނެއްބައިމީހުން ޒަޚަމްވެސް ވެފައިވެ އެވެ. މިކަމުގެ ސަބަބުން ސައޫދީ އާންމުންގެ ދިރިއުޅުމަށް އުނދަގޫވެ އެމުއައްސަސާގެ ޝަކުވާ ސައޫދީ ރަސްގެފާނާ ހަމައަށް ވެސް ވަރަށް ގިނަ ފަހަރު ފޯރާފައިވެ އެވެ.

ނަމަވެސް "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި"ގެ ފަހަތުގައިވަނީ ސައޫދީ ރަސްކަމުގެ ނިޒާމު ދެމެހެއްޓުމަށް މަސައްކަތްކުރާ ދީނީ އިލްމުވެރިން ކަމަށްވާތީ އެމުއައްސަސާއާ ދެކޮޅަށް ފިޔަޅު އެޅުމަށް ސައޫދީ ސަރުކާރަށްވަނީ ދަތިކަމަކަށްވެފަ އެވެ.

އެހެންކަމުން ސައޫދީ ވަޒީރުންގެ މަޖިލީހުން ނިންމި މިނިންމުމަށް އެގައުމުގެ ހަރުކަށި ވިސްނުމުގެ ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް ރައްދުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ސައޫދީ ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އިލްމުވެރިންގެ ތާއީދު ސައޫދީ ސަރުކާރުގެ މިނިންމުމަށް އޮތްކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ސައޫދީ ބައެއް އިލްމުވެރިން ވެސް "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" މުއައްސަސާގެ އަމަލުތަކަށް ފާޑު ވިދާޅުވެ އެމުއައްސަސާގެ އަމަލުތައް ހަރުކަށި ކަމަށް ސިފަކުރައްވާފައިވެ އެވެ.

ސައޫދީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ގުޅިގެން "ހައިއަތުލްއަމްރުލް ބިލްމައުރޫފި ވައްނަހީ ޢަނިލްމުންކަރި" އަށް ދީފައިވާ މީހުންނާ ސުވާލުކުރުމާއި މީހުން ހައްޔަރުކުރުމާއި އެނޫން ވެސް ހުރިހާ ގާނޫނީ ބާރުތަކެއް ވަނީ ނިގުޅައިގެންފަ އެވެ. މިއާ އެކު މިހާރު އެއީ ހަމައެކަނި ނަމެއްގައި އޮތް މުއައްސަސާއެއްކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)