14 Apr 2016, 10:39
މާލެއިން އެކިއެކި ގްރޫޕްތައް ހުޅުމާލެއަށް ގޮސް ޖިނާއީ ކުށްތަކަށް އަރައިގަތުމަށް މަސައްކަތްކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަންކަމަށް ފުލުހުން ވަރަށް ބޮޑަށް ހޭލައި ތިބެން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި ފުހުލުންގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް ހުޅުމާލެއަށް ވަޑައިގެން ފުލުހުންނާ ބައްދަލު ކުރައްވައި ސީޕީ ދެއްކެވި ވާހަކައިގައި، ހުޅުމާލޭގައި މީހުން އިތުރުވެ އާބާދީ ބޮޑުވަމުންދާ އިރު ފުލުހުންގެ ދައުރު ފުޅާ ކުރުމަކީ މުހިއްމު ކަމެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.
އެގޮތުން ފުލުހުންގެ ވަޒީފާ އަށް ވަންނަ ފުލުހުންގެ ތެރެއިން ބަޔަކު ހުޅުމާލެއަށް ފޮނުވައި ހުޅުމާލޭގައި ފުލުހުން ތިބޭ މިންވަރު އިތުރު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އެއާ އެކު ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށް އެމަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުން މަސައްކަތް ކުރަމުންދަނީ އެކަށޭނަ ވަސީލަތްތައް ނެތި، ލިބިހުރި ވަސީލަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެންކަން ކޮންމެ ފުލުހަކު ވެސް ހަނދާން ކުރަންޖެހޭނެ ކަމަށެވެ. އަދި ހުރިހާ ވަސީލަތެއް ފުރިހަމަ ވުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި އިހުލާސްތެރިކަމާ އެކު ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަމުންދާ އިރު ވަސީލަތް ނެތުމުގެ އިހުސާސް މަދުވާނެ ކަމަށެވެ.
ސީޕީ ވަނީ ކޮންމެ ފުލުހަކު ވެސް ރައްޔިތުންނާ ގުޅިގެން ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
ް