ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރު މޮޅީކީ ހަމައެކަނި އެކްޓު ކުރުމަކަށް ނޫނެވެ. އޭނާ އަކީ ހުނަރުވެރި ލަވަކިޔުން ތެރިއެއްވެސް މެ އެވެ. ފިލްމު، އާޝިގީ 2، ހައިދަރް، އޭބީސީޑީ2 ގައިވެސް ޝްރައްދާ ވަނީ އޭނާގެ ލަވަކިޔުމުގެ ހުނަރު ދައްކަލާފަ އެވެ.

ހަބަރުތައް ބުނާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަސްތެރޭ ރިލީޒު ކުރުމަށް ހަމަޖެހިފައިވާ ޝްރައްދާގެ ފިލްމު "ރޮކް އޮން2" ގެވެސް ހުރިހާ ލަވަތަކެއް ރިކޯޑު ކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ އަޑުންނެވެ.

ފިލްމު "ރޮކް އޮން 2" ގެ އެއްވެސް ލަވައެއް ޝްރައްދާގެ އަޑުން އިވިގެންދާނެތޯ ފޭން އަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝްރައްދާ ބުނީ، އެ ފިލްމުގެ ހުރިހާ ލަވައެއްވެސް އޭނާގެ އަޑުން ރިކޯޑު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ރޮކް އޮން2" އަކީ މީގެ އަހަރުތަކެއް ކުރިން ނެރުނު "ރޮކް އޮން" ގެ ސީކުއެލް އެކެވެ. އެ ފިލްމުގައި ޝްރައްދާގެ އިތުރުން ފަރްހާން އަޚްތަރު، އަރްޖުން ރާމްޕަލް، ޕޫރަބް ކޯލީ ފަދަ ތަރިން ބައިވެރި ވެއެވެ.

ސުޖާތު ސައުދާގަރް ޑައިރެކްޓު ކުރާ "ރޮކް އޮން 2" ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވްމެބަރު މަހުގެ 11 ވަނަ ދުވަހު އެވެ.