04 May 2011, 14:48
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތާ ބެހޭ ގޮތުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް އިން ނެރެފި އެވެ.
އެ ރިޕޯޓްގައި 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ތާރީހީ އިންތިހާބަށް ފަހު ދިވެހިރާއްޖެ ފާހަގަކުރެވިފައި ވަނީ ހިޔާލުފާޅުކުރުމަށް މަގު ހުޅުވިފައިވާ ގައުމެއްގެ ގޮތުގައި ކަމަށާއި އެއާ އެކު ވެސް ރާއްޖޭގެ ނޫސްވެރިން އަދި ވެސް މަސައްކަތް ކުރަމުން އަންނަނީ ގިނަގުނަ ދަތިތަކާ އެކުގައި ކަމަށް އައިއެފްޖީގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ގޮފިން ޝާއިއު ކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.
އައިއެފްޖީގެ ރިޕޯޓް ބުނާ ގޮތުގައި ރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހިސާބު އަދަދުތަކެއްގެ ގޮތުގައި ފެންނަން ނެތަސް އެކަމުގެ ސަބަބުން ދިވެހި ނޫސްވެރިންގެ ދިރިއުޅުމަށް ދަނީ ބޮޑެތި ދަތިއުނދަގޫތަކެއް ކުރިމަތިވަމުންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ފަހަކަށް އައިސް ރާއްޖޭގައި ހިނގާފައިވާ ބައެއް ހާދިސާތައް "ފްރީ ސްޕީޗް އިން ޕެރިލް"ގެ ނަން ދީފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހު ހަވީރުގައި ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އެ ރިޕޯޓް ލިއުނު ދެ ނޫސްވެރިން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށް، އެ ދެ ނޫސްވެރިންނަށް މައުލޫމާތުދިން ފަރާތް [ސޯސް] ހޯދުމަށް މަސައްކަތްކުރި ހާދިސާ ފާހަގަކޮށްފައިވެ އެވެ. ހަވީރު ނޫހުގެ ދެ ނޫސްވެރިން ފުލުސް އޮފީހަށް ގެންގޮސް އެމީހުންނަށް މައުލޫމާތުދިން ފަރާތް ހޯދުމަށް މަސައްކަތްކޮށްފައިވާ އިރު ސޯސް ހާމަނުކުރުމުގެ ހައްގު ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ދީފައިވާކަން ފާހަގަކުރެވޭ ކަމަށް އައިއެފްޖޭގެ ރިޕޯޓްގައިވެ އެވެ.
ރާއްޖޭގެ ނޫސްވެރިންނަށް އަދިވެސް ދަތި ކަންތައްތަކެއް ހުރިކަމުގެ ހެއްކެއްގެ ގޮތުގައި ރިޕޯޓްގައިވާ އަނެއް ނުކުތާ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއް ކަވަރުކުރަމުން ދިޔަ ބައެއް ނޫސްވެރިންނަށް ފުލުހުން މުގުރުން ހަމަލާދިން ހާދިސާ އެވެ. ފުލުހުން އެ ފަހަރު އެގޮތަށް ކަންތައް ކޮށްފައި ވަނީ މުޒާހަރާ ހިނގަމުން ދިޔަ ސަރަހައްދު ދޫކޮށް ދިއުމަށް ނޫސްވެރިންނަށް އެންގުމުން އެ މީހުން އެތަން ދޫކޮށް ނުދިއުމުން ކަމަށް ބުނެފައިވާ ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ފުލުހުންނަށް އެގޮތަށް ނޫސްވެރިންނަށް އަމުރުކުރުމުގެ ފުރުސަތު ރާއްޖޭގެ ގާނޫނުތަކުން ލިބިދީފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައިވެ އެވެ.
ޔުނެސްކޯގެ އެހީގައި އައިއެފްޖޭ އިން އެކުލަވާލި ރިޕޯޓްގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މީޑިއާ ހިންގާ ބައެއް ފަރާތްތަކުން އަންނަ ފިއްތުންތަކުގެ މައްޗަށް ވެސް ބަލާލާފައިވެ އެވެ.