ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރީޒްމަންގެ ދެ ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލުމަށް ފަހު، އެތުލެޓިކޯ މެޑްރިޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑު، އެސްޓޭޑިއޯ ވިސެންޓޭ ކެލްޑެރޯންގައި ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު މެޗުގައި ބާސާގެ މައްޗަށް އެތުލެޓިކޯ ކުރި ހޯދީ 2-0 ލަނޑުންނެވެ. އެތުލެޓިކޯ ސެމީއަށް ދަތުރުކުރީ 3-2 ލަނޑުގެ އެގްރިގޭޓަކުންނެވެ. ފުރަތަމަ ލެގު މެޗުގައި އެތުލެޓިކޯ އަތުން ބާސާ މޮޅުވެފައި ވަނީ 2-1 ލަނޑުންނެވެ.

ލަނޑުޖެހުމަށް ފަހު، އެތުލެޓިކޯގެ ގްރީޒްމަން އުފާފާޅުކުރަނީ: ބާސާ އަތުން އެތުލެޓިކޯ މޮޅުވީ 2-0 ލަނޑުން -- ފޮޓޯ: އޭޕީ

ސްޕެއިންގެ ދެ ވާދަވެރިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެތުލެޓިކޯ ގްރީޒްމަންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ގްރީޒްމަންގެ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ބާސާގެ ކީޕަރު ޓާ ސްޓާގަންއާ ދިމާލަށެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި، އެތުލެޓިކޯ އަށް ގްރީޒްމަން ލީޑު ހޯދައިދިނީ މެޗުގެ 36 ވަނަ މިނެޓުގަ އެވެ. ގްރީޒްމަން އެ ލަނޑު ކާމިޔާބުކުރީ ސްޕެއިން މިޑްފީލްޑަރު ސައުލް ނަގައިދިން ހުރަހަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސާ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެތުލެޓިކޯ މޮޅުވީ 2-0 ލަނޑުން -- ފޮޓޯ: އޭޕީ

މެޗުގެ 54 ވަނަ މިނެޓުގައި އެތުލެތިކޯއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ނެގި ހުރަހުން ލޫކަސް ހެނާންޑޭޒް ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ގްރީޒްމަންގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ލިބުނު ޕެނަލްޓީއަކުންނެވެ. އެތުލެޓިކޯ އަށް އެ ޕެނަލްޓީ ލިބުނީ ބާސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގްރީޒްމަންއަށް އަންދްރޭސް އިނިއެސްޓާ ކުރި ފައުލަކާ ގުޅިގެންނެވެ.

އެތުލެޓިކޯއާ އެކު ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަދި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ.