14 Apr 2016, 12:14
މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ރާއްޖެއަށް އަންނައިރު ޝަރުއީ ކޯޓުތައް އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ލަތީފާ ގާސިމް ވިދާޅުވެއްޖެ އެވެ.
ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަށް ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ލަތީފާ ވިދާޅުވީ މިއަދު ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް ވިސްނާލާއިރު، އެންމެ ބޮޑު ބަދަލެއް ފެންނަނީ އިގްތިސާދީގޮތުން ކަމަށެވެ. އެހެންކަމުން ރާއްޖެ ވިޔަފާރީގެ ގޮތުން ދުނިޔެއަށް ހުޅުވެމުންދާއިރު، ކޯޓުތައް އެކަމަށް ތައްޔާރުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމާޝަލް ޑިސްޕިއުޓުތައް އަންނާނެ. ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ޖުޑީޝަލް ސިސްޓަމް، މިއަންނަމުންދާ ބަދަލުތަކަށް ތައްޔާރުވާންޖެހޭ. މޮޑަން ޖުޑީޝަލް ސިސްޓަމަކަށް އަޅުގަނޑުމެންގެ ގައުމު މިވަނީ ބޭނުންވެފައި،" ލަތީފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ފަޚުރުވެރި މާޒީއެއް އޮތް ދާއިރާއެއް ކަމަށާއި މިއަދު ޝަރުއީ ދާއިރާއަށް ދިމާވާ ކަންތައްތަކާ ފައި ހަމަވާ ފަދަ ބަދަލުތަކެއް ގެނެސްދިނުމަކީ ޝަރުއީ ދާއިރާގެ ޒިންމާއެއް ކަމަށެވެ.
މޮޑަން ޖުޑީޝަލް ސިސްޓަމެއް ގާއިމްކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވާންޖެހޭ ކަމަށާއި އޭގެ ތެރޭގައި އާބިޓްރޭޝަން ސެންޓަރަކާއި ޕްރޮފެޝަނަލް ކޮލިފައިޑް މީޑިއޭޓަރުންނާއި ޕްރޮފެޝަނަލް ބާ އަކާއި ގާނޫނީ ވަކީލުންނަށް އެބޭފުޅުންގެ މަސައްކަތް ޕްރޮފެޝަނަލް ކަމާ އެކު ކުރެވޭނެ މާހައުލެއް ބޭނުންވާ ކަމަށް ލަތީފާ ވިދާޅުވިއެވެ.