ތަކެތީގެ އަގު ބޮޑުވަމުންދާތީ ޒުވާނުންގެ ބަޔަކު އިސް ނަގައިގެން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން، ރޭ 30 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި 18 އަހަރުން ދަށުގެ ފަސް ކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މުޒާހަރާކުރި ގިނަ އަދަދެއްގެ މީހުން ރޭ ވެސް މާލޭގެ އެކި ސަރަހައްދުތަކުން ހައްޔަރުކޮށް ފުލުހުންގެ ޖިޕަށް އަރުވާފައިވާނެ ކަމަށާއި ހައްޔަރުކުރި 30 މީހުންގެ ތެރެއިން ހަ މީހުން ފިޔަވައި އެހެން މީހުން މިއަދު ދޫކޮށްލާނެ ކަމަށެވެ. ރޭ ހައްޔަރުކޮށްފައިވާ މީހުންނަކީ ފުލުހުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލްކޮށްފައިވާ މީހުނާއި އެކި ސަރަހައްދުތަކުގައި ހަމަނުޖުހެން ހިންގަން މަސައްކަތް ކުރި މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހައްޔަރުން ދޫކޮށް ނުލާ ހަ މީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ތަކެތީގެ އަގުތައް އުފުލެމުންދާތީ މާލޭގައި ބާއްވަމުން ގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒެޑް-ޑީއާރުޕީގެ މެންބަރު އުމުރު ނަސީރު ވެސް ރޭ ފުލުހުން ހައްޔަރުކުރި އެވެ.

ސިޔާމް ވިދާޅުވީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކުރި މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަކަށް އަމަލު ކުރެއްވުމުން ކަމަށާއި ނަސޭހަތްތެރިވުމަށްފަހު ރޭ އުމަރު ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

މުޒާހަރާގެ އެހެން ރޭތަކެކޭ އެއްފަދައިން ރޭ ވެސް މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުގެ ސަރަހައްދުން މިސްރާބު ޖެހީ މަޖީދީމަގާއި ޗާންދަނީ މަގާ ގުޅޭ ކަންމައްޗަށް ދިއުމަށެވެ.
އެހެންނަމަ ވެސް ފުލުހުން ވަނީ މަޖީދީމަގާ އޭޑީކޭ ގުޅުނު ހިސާބުން މުޒާހަރާ ރޫޅާލައި މީހުންތައް ފައްސާލާފަ އެވެ. އަދި އެއަށްފަހު މުޒާހަރާގެ ބައިވެރިން މާލޭގެ އެކި އެކި ހިސާބުތަކަށް އެއްވަމުންގޮސް، ރޭ 11:00 ޖަހާއެހާކަންހާއިރު "ތަހުރީރު މައިދާން" ވަނީ އެއްވެފަ އެވެ. އެކި ސަރަހައްދުތަކަށް އެއްވި އިރު ރައީސް ހުންނަވާ ގެކޮޅު ކަމަށްވާ މުލީއާގެ ކައިރިއަށްވެސް އެއްވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ޝިޔާމް ވިދާޅުވީ ރޭގެ މުޒާހަރާ ދެ ފަހަރެއްގެ މަތިން ފުލުހުން ރޫޅާލާފައިވާ ކަމަށާއި ފުލުހުންގެ އަމުރަށް ނިކިޔަމަންތެރިވި ބައެއް މީހުން އެ ސަރަހައްދުތަކުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ. ރޭގެ މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވެ އެވެ. އަދި ރޭގެ މުޒާހަރާގައި އަލިފާން ބޯޅައާއި އެފަދަ ތަކެތި ބޭނުންކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ރޭ މުޒާހަރާ ކުރަން މަގުތަކަށް ނުކުތީ މުޒާހަރާ ރުޅާއިލާނެ ކަމަށް ފުލުހުން ކުރިން އިންޒާރުކޮށްފައި ވަނިކޮށެވެ.