13 Apr 2016, 20:34
އިންޑިއާ އާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދަށް 6.9 މެގްނިޓިއުޑުގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުން، އެ ބިންހެލުން އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6:55 ހާއިރުއެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސުނާމީގެ ބިރުވެރިކަމެއް ނެތް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުން، ބިންހެލުމުގެ ލޮޅުން އެންމެ ބޮޑަށް ކޮށްފައިވަނީ ކޮލްކަތާ އާއި ޕަޓްނާގެ އިތުރުން ގުވާހަޓީ އަށެވެ. އަދި ބިންހެލުމުގެ ލޮޅުމުގެ އަސަރު ޗެންނާއީ އަށާއި ދިއްލީ އަށްވެސް ކޮންމެވެސް ވަރަކަށް ކުރިކަމަށްވެއެވެ.
އަދި މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއްނުވެއެވެ.
އިންޑިއާ އާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދަށް 6.9 މެގްނިޓިއުޑުގެ ބިންހެލުމެއް މިރޭ އައިސްފައިވާއިރު، މީގެ ތިން ދުވަސް ކުރިން އަފްޣާނިސްތާނާއި ތަޖިކިސްތާން ގުޅޭ ބޯޑަރު ސަރަހައްދަށް ވަނީ 6.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައެވެ.