މައިލޯ އިންޓަސްކޫލް ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ރެހެންދި ސްކޫލް، މަޖީދިއްޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލުން ކާމިޔާބުކޮށްފި އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުރިއަށް ދިޔައީ 12 އަހަރުން ދަށުގެ އުމުރުފުރައިގެ ހަތަރު މެޗާ، 14 އަހަރުން ދަށުގެ އެއް މެޗު އަދި 16 އަހަރުން ދަށުގެ އެއް މެޗެވެ.

ބާރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރާގައި ދަރުމަވަންތަ ސްކޫލް އަދި މަޖީދިއްޔާ ސްކޫލް ބައްދަލު ކުރި މެޗު 3-6 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މަޖީދިއްޔާ ސްކޫލުންނެވެ.

ދެވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ ފިރިހެންކުދީންގެ ބައިގައި އީޔާސުއްދީން ސްކޫލާއި ކަލާފާނު ސްކޫލް ބައްދަލުކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

އެ އުމުރުފުރައިގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ކަލާފާން ސްކޫލް ބައްދަލުކުރި މެޗު ނިމުނީ 4-4ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެ އުމުރުފުރައިގެ އަންހެން ކުދިންގެ މެޗުތަކުގައި މަޖީދިއްޔާ ސްކޫލު 6-4 އިން އަރަބިއްޔާ ސްކޫލުގެ މައްޗަށް ކުރި ހޯދި އިރު، ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ބައްދަލު ކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.

ދެވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގައި ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލް ބައްދަލުކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

އަންހެން ކުދިންގެ 14 އަހަރުން ދަށުގެ އުމުރުފުރާ އިން ރެހެންދި ސްކޫލް ވަނީ 6-4 ގެ ނަތީޖާއަކުން އިސްކަންދަރު ސްކޫލުގެ މައްޗަށް ކުރި ހޯދާފަ އެވެ. އަދި ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ އުމުރުފުރާއިން އަރަބިއްޔާ ސްކޫލުގެ މައްޗައް އިސްކަންދަރު ސްކޫލް ކުރި ހޯދީ 2-8 ގެ ނަތީޖާއަކުންނެވެ.

ތިން އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި 10 ސްކޫލަކުން 36 ޓީމު ވާދަކުރެ އެވެ. އިންޓަ ސްކޫލް ދެވަނަ ހޭންޑްބޯލް މުބާރާތް އިއްޔެ ފެށި އިރު، މުބާރާތުގައި ފޯރިގަދަ މެޗުތަކެއް އިއްޔެވެސް ވަނީ ކުޅެފަ އެވެ.